ރައްޔިތުންގެ މަޖިލީހުގައި މާރާމާރީ ހިންގައި މަޖިލީހުގެ މުދަލަށް މެންބަރުން ގެއްލުންދޭތީ އެކަމާ ކަންބޮޑުވެވަޑައިގެން، މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މަޖިލިސް މެންބަރުންނަށް ސިޓީފުޅެއް ފޮނުއްވައިފި އެވެ. އެ ސިޓީފުޅުގައި ވިދާޅުވެފައި ވަނީ މާރާމާރީ ހިންގައި މަޖިލީހަށް ގެއްލުންދިނުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މަޖިލީހުގެ މެންބަރުންނަށް ޝާހިދު ރޭ ފޮނުއްވެވި އެ ސިޓީފުޅުގައި ބުނެފައި ވަނީ އިއްޔެ ހެނދުނު މަޖިލީހުގައި ބޭއްވުމަށް މަސައްކަތް ކުރި ޖަލްސާ ކުރިއަށް ނުގެންދެވިގެން، ރޭ ވެސް އެ ޖަލްސާ ބޭއްވުމަށް މަސައްކަތް ކުރުމަށް ފަހު މެކަނޑާލަން ޖެހުނީ މަޖިލީހުގެ ބައެއް މެންބަރުން، މަޖިލީހުގެ ގަވާއިދާ ހިލާފު އެތަކެއް އަމަލުތަކެއް ހިންގުމުން ކަމަށެވެ.

"މަޖިލީހަކީ ހިޔާލު ތަފާތުތައް އުފެދޭ ހާލަތްތަކުގައި ވެސް މަޝްވަރާގެ ރިވެތި އުސޫލު އިސްކޮށްގެން މަޝްވަރާގެ މަގުން ކަންކަން ހައްލުކުރަން އޮންނަ ތަނަށްވީ ހިނދު، އެ މަގު އިސްކުރެއްވުމުގެ ބަދަލުގައި މާރާމާރީ ހިންގައި މަޖިލީހުގެ މުދަލަށް ގެއްލުންދީ މަޖިލީހުގެ މުވައްޒަފުންނަށް ބިރު ދެއްކުމަކީ އެއްވެސް މިންވަރަކަށް އެއްވެސް ހާލަތެއްގައި އަޅުގަނޑު ބަލައިގަންނާނެ ކަމެއް ނޫން ކަމުގައި ދަންނަވަމެވެ،" ޝާހިދުގެ ސިޓީފުޅުގައި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އިއްޔެ އާއި ރޭ މަސައްކަތް ކުރަމުން ދިޔައިރު އެތަނުގައި ތެރޭގައި މެމްބަރުން އަޑުގަދަ ކުރައްވާ މާރާމާރީ ހިންގެވުމުގެ ސަބަނުން ބައެއް މެމްބަރުންނަށް ވަނީ އަނިޔާވެފަ އެވެ. އަދި މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި ހުރި ސިސްޓަމްތަކާއި ކެމެރާތަކުގެ ކޭބަލްތަކަށް ތޫނު އެއްޗިހި ބޭނުން ކުރައްވައިގެން، އެކި ފަހަރު މަތިން ވަނީ ގެއްލުންދީފަ އެވެ.