ބްރޯޑްކާސްޓަރުންނަށް މަޖިލީހުގެ ޖަލްސާތަކުގެ ލައިވް ފީޑު ދޫކުރާ ރޫމަށް ފެން ޖަހައި، އެތަނުގައި ހުރި އިކިއުޕްމަންޓުތަކަށް ގެއްލުން ދީފި އެވެ.

އެމްޑީޕީއާ އިދިކޮޅު މެންބަރުންތަކެއް މަޖިލިސް ބްރޯޑްކާސްޓް ކުރާ ރޫމަށް ފެން ޖަހާފައި ވަނީ އިއްޔެ އިން ފެށިގެން ކުރިއަށް ގެންދަން މަސައްކަތް ކުރާ މަޖިލީހުގެ ހާއްސަ ޖަލްސާ މިއަދު ވެސް ކުރިއަށް ނުގެންދެވިގެން ހުއްޓާލާފައި ވަނިކޮށެވެ. އެތަނަށް ފެން ޖެހުމުގެ ސަބަބުން މަޖިލިސް ބްރޯޑްކާސްޓް ކުރާ އޯޑިއޯ މިކްސަރުތަކުގެ ފޭޑަރުތަކުގެ ދޭތެރެއިން ފެން އެޅި ގެއްލުންވެފައިވެ އެވެ. ބްރޯޑްކާސްޓް ކުރާ ރޫމަށް ފެން ޖެހުމާ އެކު، އިދާރީ މުވައްޒަފުން ވަނީ އެތަނުގައި ހުރި އިލެކްޓްރޯނިކް ސާމަނާތަކުން ކަރަންޓް ކަނޑާލައި، އެ އެއްޗެހިން ފެން ހިއްކުމުގެ މަސައްކަތް ފަށާފަ އެވެ.

އެތަކެތި "ހާލާކުވި ކަން" އިނގޭނީ އޯޑިއޯ މިކްސަރުތަކަށް އެޅުނު ފެން ހިކުމުން ކަމަށް މަޖިލީހުގެ އިދާރީ މުވައްޒަފަކު "ސަން"އަށް ވިދާޅުވި އެވެ. މެދުކެނޑިފައި އޮތް މަޖިލީހުގެ ޖަލްސާ ފަށާނީ އެ އިކިއުޕްމަންޓުތައް ރަނގަޅުވުމުނެވެ.

މަޖިލިސް ބްރޯޑްކާސްޓް ކުރާ ރޫމަށް މިއަދު ފެން ޖަހާފައިވާ އިރު، އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ ތަޅުމުގައި ހުރި މައިކް ސިސްޓަމްތަކުގެ ކޭބަލްތައް ބުރިކޮށް، މެންބަރުންގެ ކޮންޕިއުޓަރު ސިސްޓަމުތަކަށް ގެއްލުންދީފަ އެވެ.

މެންބަރުންގެ ހަޅާކާއި ޒުވާބުގެ ތެރޭ އެމްޑީޕީން މިއަދު ވަނީ މަޖިލީހުން ފާސް ކުރުމަށް ގަރާރެއް ހުށަހަޅާފަ އެވެ. އެ ގަރާރުގައި ވަނީ މި މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުން ރައްޔިތުން ނިންމާފައިވާ ނިންމުމަށް އެއްވެސް ފަރާތަކުން ބަދަލު ނުގެނެވޭނެ ކަމަށާއި އެއްވެސް ހުރަހެއް ނެތި އަންނަ ހޮނިހިރު ދުވަހު ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބާއްވައި ނިންމުމަށް މަޖިލީހުން ފާސް ކުރުމަށެވެ.