23 Sep 2013, 11:34
ސީޒަންގެ ކުރީ ކޮޅުގައި ރަނގަޅު ނަތީޖާއެއް ނެރެދެވިފައި ނުވާތީ، ސަންޑަލޭންޑުގެ ކޯޗް ޕައުލޯ ޑިކެނިއޯ އެމަގާމުން ވަކިކޮށްފި އެވެ.
މިދިޔަ މާޗް މަހު ސަންޑަލޭންޑުގެ ކޯޗުކަމުގައި އޭރު ހުރި މާޓީން އޮނީއެލް ކޯޗު ކަމުން ދުރުކުރުމަށްފަހު އެމަގާމަށް ހަމަޖެއްސި، އުމުރުން 45 އަހަރުގެ އިޓާލިއަން ކޯޗް ސަންޑަލޭންޑާ ހަވާލުވިފަހުން އެޓީމު ކުޅުނު 13 މެޗުގެ ތެރެއިން މޮޅުވެފައި ވަނީ، އެންމެ ތިން މެޗުންނެވެ. އަދި މިފަހަރު ލީގުގައި މިހާތަނަށް އެޓީމު ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވެފައިވާއިރު އެއްމެޗުން އެއްވަރުވެ ލިބުނު އެންމެ ޕޮއިންޓަކާއެކު އެޓީމް އޮތީ ތާވަލުގެ ފުލުގަ އެވެ.
ޕްރިމިއާ ލީގުގައި ވެސްޓްބްރޮމްއާ ދެކޮޅަށް ކުޅެ 3-0 އިން ބަލިވިތާ އެއްދުވަސް ފަހުން ސަންޑަލޭންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެޓީމުގެ ކޯޗުކަމުން ޑިކެނިއޯ ވަކިކޮށްފި ކަމަށެވެ. އަދި ދެން ކޯޗަކަށް ހަމަޖައްސާ ފަރާތެއްގެ ނަން ވަރަށް އަވަހަށް އިއުލާނު ކުރާނޭ ކަމަށާއި ވަގުތީގޮތުން ޓީމާ ހަވާލުވެ ހުންނާނީ، ކެވިން ބޯލް ކަމަށެވެ.
އެޓީމުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ޑިކެނިއޯއާއި އޭނާގެ ސްޓާފުން ސަންޑަލޭންޑަށް ކޮށްދިން ހިދުމަތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށާއި އަދި ރަނގަޅު މުސްތަގުބަލަކަށް އެދޭކަމަށެވެ.
ޑިކެނިއޯ އަކީ އިޓަލީގެ ބޮޑު ވަޒީރުކަން ކުރެއްވި ހަރުކަށި ލީޑަރެއް ކަމަށްވާ ބެނިޓޯ މުސޮލިނީގެ ފިކުރަށް ތާއީދު ކުރާ މީހެއްކަމަށް ބުނެ، ސަންޑަލޭންޑްގެ ކޯޗުކަމާ ޑިކެނިއޯ ހަވާލުވުމާއެކު ސިޔާސީ ގޮތުން އޭނާގެ ފިކުރާ ދެކޮޅު ފަރާތެއް ކަމަށްވާ އެޓީމުގެ އޭރުގެ ވައިސް ޗެއާމަން އަދި ނޮން އެގްޒެކެޓިވް ޑައިރެކްޓާގެ މަގާމު ފުރުއްވަމުން ގެންދެވި އިނގިރޭސި ކުރީގެ ފޮރިން މިނިސްޓަރު ޑޭވިޑް މިލިބަންޑް އެ ޓީމުން އިސްތިއުފާ ދެއްވި އެވެ.
ޑިކެނިއޯ މަގާމުން ދުރުކޮށްފައިވާ އިރު ފަސް ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ސަންޑަލޭންޑް މިހާރު މަސައްކަތް ކުރަމުން އެގެންދަނީ ހަވަނަ ކޯޗު ހޯދުމަށެވެ.