އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސްޓޯކް ސިޓީ 3-1 އިން ބަލިކޮށް އާސެނަލް ލީގު ތާވަލްގެ ކުރި ހޯދައިފި އެވެ.

ލީގުގައި ކޮންމެ ޓީމެއް މިހާތަނަށް ފަސް މެޗު ކުޅެފައިވާއިރު އާސެނަލްއާ ޓޮޓެންހަމް ހޮޓްސްޕާއަށް ވަނީ 12 ޕޮއިންޓް ލިބިފަ އެވެ. އާސެނަލްއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. ލީގުގެ ދެ ވަނަނައިގައި ސްޕާސް އޮތްއިރު ތިންވަނައިގައި މެންޗެސްޓާ ސިޓީއާއި، ހަތަރު ވަނައިގައި އޮތް ޗެލްސީ އަދި ފަސް ވަނައިގައި އޮތް ލިވަޕޫލް މިއިން ކޮންމެ ޓީމަކަށްވެސް ލިބިފައިވަނީ 10 ޕޮއިންޓެވެ.

ރޭގެ މެޗުގައި ސްޓޯކްގެ ގޯލް އާސެނަލްއަށް ހުޅުވާލަދިނީ މެޗުގެ ފަސް ވަނަ މިނިޓްގައި އާރޮން ރަމްސޭއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ސްޓޯގެ ޕެނަލްޓީ އޭރިޔާ ބޭރުން މެސުޓް އޮޒިލް ފޮނުވާލި ހިލޭ ޖެހުމެއް، ސްޓޯގެ ކީޕަރު އަސްމީރު ބެގޮވިޗްގެ އަތުގައި ޖެހިފައި ނުކުތް ވަގުތު އެ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ސްޓޯކަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ، މާކޯ އާނޯޓޮވިޗް ފޮނުވާލި ބޯޅައެއް ގޯލްގެ ދަނޑީގައި ޖެހިފައި ނުކުތްވަގުތު ޖިއޯފް ކެމަރަން އެވެ. އެހެން ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން މެޗުގެ 33 ވަނަ މިނިޓުގައި ލަނޑެއް ކާމިޔާބުކޮށް އާސެނަލްގެ ޕާ މާޓޭސޭކާ ވަނީ އެޓީމަށް ދެވަނަ ފަހަރަށް ކުރި ހޯދައިދީފަ އެވެ. އާސެނަލްގެ ފަހު ލަނޑު، މެޗުގެ 72 ވަނަ މިނިޓްގައި ކާމިޔާބު ކޮށްދިނީ ބަކްރީ ސަންޔާ އެވެ.

ރޭގެ ބައްޔާއެކު އާސެނަލްއާ ދެކޮޅަށް އެމިރޭޓްސް ދަނޑުގައި ސްޓޯކް މިހާތަނަށް ކުޅުނު ހަ ޕްރިމިއާ ލީގުމެޗުންވެސް ވަނީ ބަލިވެފަ އެވެ. އާސެނަލްގެ ދަނޑުގައި ސްޓޯކްއަތުން އެންމެ ފަހުން އެޓީމް ބަލިވެފައިވަނީ 1981 ވަނަ އަހަރު އެވެ.

ރޭގެ މެޗުން މޮޅުވުމުން އާސެނަލްގެ ކޯޗު އާސީން ވެންގާ ވަނީ އޭނާގެ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ. ވެންގާ ބުނީ ޗެމްޕިއަންސް ލީގު މެޗަށް ފަހު ޕްރިމިއާ ލީގުގައި ކުޅޭ މެޗުން މޮޅުވުމަކީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.

މެޗާ ބެހޭ ގޮތުން ސްޓޯކްގެ ކޯޗް މާކް ހިއުސް ބުނީ، ރޭގެ މެޗުގެ ނަތީޖާއާ ދޭތެރޭގައި ވަރަށް ބޮޑަށް މާޔޫސްވި ކަމަށާއި އަދި އެޓީމު ކޮޅަށް ވަދެފައި ހުރި ލަނޑު ތަކަކީވެސް "ސެޓް ޕްލޭ"ގައި ޖަހާފައި ހުރި ލަނޑު ތަކެއް ކަމުން ކުރިއަށް ހުރި މެޗުތަކުގައި އެކަމާ ދޭތެރޭގައި ވަރަށް ބޮޑަށް ފަރުވާތެރި ވާނޭ ކަމަށެވެ.

އާސެނަލް އަތުން ބަލިވުމުން ލީގް ތާވަލްގައި ސްޓޯކް މިވަގުތު އޮތީ ހަތް ޕޮއިންޓާއެކު ތާވަލްގެ 10 ވަނައިގަ އެވެ.