އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އަތުން 4-1 ލަނޑުން ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެ އެވެ.

ސިޓީގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ސިޓީ އެންނެވެ. އެ ލަނޑު މެޗުގެ 16 ވަނަ މިނެޓުގައި ސީޓީއަށް ކާމިޔާބު ކޮށްދިނީ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއެރޯ އެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެމެޗުގައި ސިޓީގެ ދެ ވަނަ ލަނޑު މެޗުގެ ފުރަތަމަ ހާފުގެ އިތުރު މިނެޓުގައި ތެރޭގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ އައިވަރީ ކޯސްޓުގެ މިޑްފީލްޑަރު ޔާޔާ ޓޯރޭ އެވެ. އަދި މެޗުގައި ސިޓީން ޖެހި ތިން ވަނަ ލަނޑު ދެ ވަނަ ހާފުގެ 47 ވަނަ މިނެޓުގައި ސާޖިއޯ އަގުއެރޯ ކާމިޔާބު ކުރިއިރު، އެ ޓީމުގެ ހަތަރު ވަނަ ލަނޑު މެޗުގެ 50 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފްރާންސްގެ މިޑްފީލްޑަރު ސާމިރު ނަސްރީ އެވެ.

ޔުނައިޓެޑުގެ ހުނަރުވެރި ފޯވާޑް ރޮބިން ވެންޕާސީ ނެތި ސިޓީއާ ދެކޮޅަށް ޔުނައިޓެޑު ރޭ ކުޅުނު މެޗުގައި އެޓީމުން ސިޓީކޮށް ޖެހި ހަމައެކަނި ލަނޑު މެޗުގެ 87 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އިނގިރޭސި ފޯވާޑް ވޭން ރޫނީ އެވެ.


ރޭގެ މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު ޑޭވިޑް މޯއީސް ބުނީ، ނަތީޖާއާ މެދު ހިތްހަމަނުޖެހޭ ކަމަށާއި މެޗުގައި ގިނަ ގޯސްތަކެއް ކުޅުންތެރިންނަށް ހެދުނު ކަމަށެވެ. އަދި ސިޓީ އަތުންވީ ބައްޔާ މެދު ހިތާމަކުރާ ކަމަށް ވެސް މޯއީސް ބުންޏެވެ.

"ބޮޑު ތަފާތަކުން ސިޓީ އަތުން ބަލިވުމުން އަހަރެން މިހިރީ ވަރަށް މާޔޫސްވެފައި. އަހަރެން ހިތާމަކުރަން ސިޓީ އަތުން ބޮޑު ބައްޔެއްވުމުން. އަހަރެންގެ ޓީމުގެ ކުޅުންޔެރިންނަށް ގިނަ މިސްޓޭކްތަކެއް ހެދުނު" މޯއީސް ބުންޏެވެ.


ސިޓީގެ ކޯޗު މެނުއަލް ޕެލެގްރީނީ ބުނީ، ވާދަވެރި ޔުނައިޓެޑް އަތުން މޮޅުވުމުން ސިޓީއަށް އާހިތްވަރެއް ލިބިއްޖެ ކަމަށާއި މިލިބުނު ކާމިޔާބީއަކީ ކުރިއަށް ހުރިމެޗްތައް ކާމިޔާބު ކުރުމަށް ލިބުނު އާބާރެއް ކަމަށެވެ.

"ޔުނައިޓެޑް އަތުން މޮޅުވުމުން އަހަރެން ވަރަށް އުފާވެއްޖެ. މިއީ ސިޓީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް." ޕެލެގްރީނީ ބުންޏެވެ.

ރޭގެ މޮޅާއެކު ލީގްތާވަލްގައި ސިޓީ އޮތީ މިހާތަނަށް ކުޅުނު ފަސް މެޗުން ލިބުނު 10 ޕޮއިންޓާ އެކު ތިން ވަނަ މަގާމްގަ އެވެ. އަދި ޔުނައިޓެޑް އޮތީ ކުޅުނު ފަސް މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު އަށް ވަނަ މަގާމްގަ އެވެ. ލީގް ތާވަލްގެ އެއް ވަނަ މަގާމްގައި 12 ޕޮއިންޓާ އެކު އާސެނަލް އޮތް އިރު، ހަމަ އެއަދަދަށް ޕޮއިންޓު ހަމަ ކޮށްގެން ދެ ވަނަ މަގާމްގައި އޮތީ ޓޮޓެންހަމް އެވެ. އާސެނަލްއަށް ކުރި ލިބެނީ ގޯލުގެ ތަފާތުން ނެވެ.