23 Sep 2013, 10:34
އިންޑޮނޭޝިޔާގެ ޕަލަމްބަންގްގައި ކުރިޔަށްދާ ތިން ވަނަ އިސްލާމިކް ސޮލިޑަރިޓީގޭމްސްގައި ރާއްޖޭގެ އެތުލެޓިކްސް އިން ވާދަކުރާ ޓީމްގައި ހިމަނާފައިވާ އަފާ އިސްމާއީލް އަށް މުބާރާތުގައި ވާދަނުކުރެވޭ ގޮތް ވެއްޖެ އެވެ.
މުބާރާތަށް ދާ ޓީމް ފައިނަލް ކުރިއިރު މުބާރާތަށް ފޮނުވާގޮތަށް އެސޯސިއޭޝަނުން ކުރިން ނިންމާފައި ވަނީ ތިން އެތުލީޓުންނެވެ. އެ ތިން އެތުލީޓުންނަކީ އަފާ އިސްމާއީލް އާއި ޝިފާޒް މުހައްމަދު އަދި އަހުމަދު ހަސަން އެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ، މުބާރާތުގައި އަފާއަށް ވާދަނުކުރެވޭގޮތްވީ މުބާރާތުގެ ކުރިން އިތުރު ތަމްރީން ހޯދުމަށް ކޮލަމްބޯ އަށް ގޮސް އެނބުރި އައި ދުވަހު އަފާ އަށް ވައިރަލް ރޯގާ އެއްގެ އަސަރުކޮށްފައި ވުމުން، އެރޯގާއިން އޭނާ ރިކަވާފައި ނުވާތީ އެވެ.
މުބާރާތުގައި ވާދަކުރުމަށް ގައުމީ އެތުލެޓިކްސް ޓީމް އިންޑޮނޭޝިއާ އަށް ފުރީ މިދި ޔަ ހުކުރު ދުވަހު އެވެ.
އަފާއަށް މުބާރާތަށް ނުދެވުމުން، ދެން މުބާރާތުގައި ވާދަކުރާނީ ޝިފާޒް އާއި ހަސަން އެވެ. މި ދެ އެތުލީޓުން ވާދަކުރާނީ ފިރިހެނުންގެ 800 މީޓރު ދުވުމާއި 1500 މީޓަރު ދުވުމުގަ އެވެ.
އަފާ އަކީ ރާއްޖޭގެ އަންހެނުންގެ 200 މީޓަރު ދުވުމުގެ ގައުމީ ރިކޯޑް ދަމަހައްޓަމުން އަންނަ އެތުލީޓެވެ.