23 Sep 2013, 10:18
މި މަހުގެ ހަތްވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުން ރައްޔިތުން ނިންމާފައިވާ ނިންމުމަށް އެއްވެސް ފަރާތަކުން ބަދަލު ނުގެނެވޭނެ ކަމަށާއި އެއްވެސް ހުރަހެއް ނެތި އަންނަ ހޮނިހިރު ދުވަހު ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބާއްވައި ނިންމުމަށް، ފާސް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. އެ ގޮތަށް ހުށަހެޅީ އިއްޔެ ކުރިއަށް ނުގެންދެވިގެން މިއަދު ހެނދުނު 10:00ގައި ފެށި މަޖިލީހުގެ ހާއްސަ ޖަލްސާގަ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލު ކުރުމަށް ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓުގައި ދައުވާކޮށްފައި ވަނިކޮށް، ވޯޓުން ރައްޔިތުން ނިންމާފައިވާ ނިންމުމަށް އެއްވެސް ފަރާތަކުން ބަދަލު ނުގެނައުމަށް މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަލީ ވަހީދެވެ. އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށް ބައިނަލް އަގުވާމީ ފަރާތްތަކުން ބުނެފައި ވަނިކޮށް، އެ އިންތިހާބު ސުވާލު އުފެއްދޭނެ ޖާގައެއް ނެތް ކަމަށާއި ދެ ވަނަ ބުރުގެ ވޯޓުލުން މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ދައުލަތުގެ ހުރިހާ ފަރާތްތަކުން އެއްބާރުލުން ދެއްވުމަށެވެ.
"ސެޕްޓެންބަރު 28، 2013 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ކުރިއަށް ގެންދިއުމަށް އެއްވެސް ހުރަހެއް އެއްވެސް ފަރާތަކުން ކުރިމަތިނުކުރުމަށާއި... ދެ ވަނަ ބުރުގެ އެންމެހައި ކަންކަން ކުރިއަށްދާއިރު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) އިން ސަލާމަތީ ހިދުމަތްތަކުން ކަންކަން ކުރާ ގޮތް ބަލަމުން ގެންދިއުމަށާއި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބާރަށް، ބާރަށް ބާރަށް، ކުރިއަށް ގެންގޮސް، ސެޕްޓެންބަރު 28، 2013 ދުވަހު ނިންމަންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރަމެވެ،" އަލީ ވަހީދު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ކުރިއަށްދާއިރު، ސަލާމަތީ ބާރުތަކުން ކުރަމުންދާ މަސައްކަތް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ)އިން ބެލުމަށް ވެސް އަލީ ވަހީދު ހުށަހެޅުއްވި އެވެ.
އަލީ ވަހީދުގެ ހުށަހެޅުއްވުމަށް ތާއިދު ކުރެއްވީ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ އެވެ.
އަލީ ވަހީދު އެ ހުށަހެޅުއްވުން ހުށަހަޅަމުންދަނިކޮށް، އެމްޑީޕީއާ ދެކޮޅު މެންބަރުން މަސައްކަތްޕުޅު ކުރައްވަމުން ގެންދެވީ މަޖިލިސް ހުއްޓުވުމަށެވެ. ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ކުރިފުޅު މަތީގައި އިދާރީ މޭޒު ކައިރީގައި ތިބެ، އެމްޑީޕީއާ ދެކޮޅު މެންބަރުން އަޑުގަދަ ކުރަން ފެށުމުން މަޖިލިސް ހުއްޓާލީ 10:15 އެހާކަންހާއިރު އެވެ.