ބާލިން (ސެޕްޓެމްބަރ 23): ޖަރުމަނުގައި ބޭއްވި އާންމު އިންތިޚާބު އެގައުމުގެ ޗާންސެލާ އެންގެލާ މާކަލްގެ ޔުނިޓެޑް ކްރިސްޓިޔަން ޑިމޮކްރެޓިކް ޕާޓީ ކާމިޔާބުކޮށްފި އެވެ.

އިއްޔެ ބޭއްވި އިންތިޚާބު މާކަލްގެ ޕާޓީ ކާމިޔާބުކުރުމާ ގުޅިގެން ދެއްވި ބަޔާނެއްގައި އޭނާ ވިދާޅުވީ މިއީ ވަރަށްބޮޑު ކާމިޔާބީއެއް ކަމަށާ މިއީ ޝަޚްސީ ގޮތުން ވެސް ލިބިވަޑައިގެންނެވި ކާމިޔާބެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގަ އެވެ. ޖަރުމަނުގެ އިލެކްޝަނާ ބެހޭ އިދާރާ އާ ޙަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން މާކަލްގެ ޕާޓީ ވަނީ މުޅިއިންތިޚާބުގެ ވޯޓުގެ 42 އިންސައްތަ ހޯދާފަ އެވެ.

މިއީ ކުރިޔަށް އޮތް އަހަރު ވެސް ޖަރުމަނުގައި ވެރިކަން ކުރުމުގެ ފުރްސަތު މާކަލް އާއި އޭނާގެ ޕާޓީއަށް ލިބިގެންދާނެ ކާމިޔާބީއެކެވެ. މިއިންތިޚާބުގައި މާކަލްގެ ޕާޓީއާ ވާދަކުރި ސޯސަލް ޑިމޮކްރެޓިކް ޕާޓީއަށް ލިބުނުކަމަށް ވަނީ 26 އިންސައްތަ ވޯޓެވެ. ދެން ހުރި ވޯޓުތައް ވަނީ ކުދި ޕާޓީތަކުގެ މެދުގައި ބެހިގެންގޮސްފަ އެވެ. މިގޮތުން ގްރީން ޕާޓީ އަށް އަށް އިންސައްތަ ވޯޓު ލިބިފައިވާ އިރު ވާތުފިޔައިގެ ޕާޓީއަކަށް 8.5 އިންސައްތަ ލިބިފައިވެ އެވެ. އަދި އިތުރު ޕާޓީއަކަށް 4.9 އިންސައްތަވެސް ލިބިފައިވެ އެވެ.

މިއީ ޔޫރަޕަށް މީގެ ހަތަރު އަހަރުކުރިން ކުރިމަތިވި ދަރަނީގެ މައްސަލަތަކަށް ފަހު ޖަރުމަނުގައި ބޭއްވި ފުރަތަމަ އިންތިޚާބެވެ. މިއިންތިޚާބުގައި މާކަލްގެ ޕާޓީ އަށް ކާމިޔާބު ލިބުމަކީ ދަރަނީގެ މައްސަލަތަކުގައި އޭނާގެ ސަރުކާރުން ގެންގުޅުނު ސިޔާސަތުތައް ރައްޔިތުން ބަލައިގެންފިކަން ހާމަކޮށްދޭ ކަމަށް މާކަލް ވިދާޅުވެފައިވެ އެވެ. (ރޮއިޓާސް)