މާފަންނުގައި ހުންނަ އިހުސާން ފިހާރައިން ކިރު ދަޅުތަކެއް ވަގަށް ނެގި މީހަކު ހޯދަން ވީޑިއޯ ފުލުހުން އާއްމުކޮށްފި އެވެ.

ފުލުހުން ބުނީ އެ މީހަކީ މިމަހުގެ ނުވަ ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަމުން އަންނަ މީހެއް ކަމަށާއި އެކަން ހިނގާފައި ވަނީ މިމަހުގެ ހަ ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ.

އެ ވީޑިއޯ އިން ފެންނަ ގޮތުގައި އެއްވެސް ކަހަލަ ހާސްކަމެއް ނެތި މީހަކު، ދެ ފަހަރަކު އެފިހާރަ އިން ވައްކަން ކުރާތަން ފެނެ އެވެ. އެގޮތުން ފުރަތަމަ ފަހަރު ފިހާރަ އަށް ވަދެ ރަތް ކޮތަޅެއް ޖީބުންނަގާ ކޯސްޓް ކިރު ދަޅުގެ އެންމެ ބޮޑު ދެ ދަޅު ކޮތަޅަށް ލައިގެން ފައިސާ ނުދައްކާ ފިހާރައިން ނުކުންނަ މަންޒަރު ފެނެ އެވެ. އަދި ދެ ވަނަ ފަހަރު ހަމަ އެމީހާ ފޯނެއްގައި ހުރެގެން ގޮސް އެތެރެ ނުފެންނަ ކޮތަޅެއް ޖީބުން ނެގުމަށް ފަހު ކޯސްޓު ކިރުގެ އެންމެ ކުޑަ ސައިޒުގެ ތިން ކިރު ދަޅު ކޮތަޅަށް ލައިގެން ނުކުންނަ މަންޒަރު ފެނެ އެވެ.

ފުލުހުން ވަނީ މި މީހާ އާބެހޭ އެއްވެސް މައުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާ ނަމަ ވީއެންމެ އަވަހަކަށް މޯލްޑިވްސް ޕޮލިސް ސަވިސްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓްގެ ނަންބަރު 9631696 ނުވަތަ މޯލްޑިވްސް ޕޮލިސް ސަވިސްގެ ހޮޓްލައިން 3322111 އަށް ގުޅައި މައުލޫމާތު ހިއްސާ ކޮށްދެއްވުމަށް ވެސް އެދިފަ އެވެ.

އެ ދެ މީހުންނާ ބެހޭ މައުލޫމާތު ފުލުހުންނާ ހިއްސާކުރާ ފަރާތްތަކަށް ލިބިދޭން ޖެހޭ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި މިފަދަ ކަންކަމަށް އާއްމު ފަރާތްތަކުން ދޭ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ އެކަމަށް ޝުކުރުއަދާކޮށްފަ އެވެ.

:http://www.youtube.com/watch?v=W9vvACDaf7E