ކޮލަންބޯ (ސެޕްޓެމްބަރ 23): ތަމަޅައިންގެ އަޣްލަބިއްޔަތެއް އޮންނަ ސްރީލަންކާގެ އުތުރު ސަރަހައްދުގައި ލޯކަލް ސަރުކާރެއް އުފެއްދުމަށް ބޭއްވި އިންތިޚާބު ކާމިޔާބުކުރި "ޓެމިލް ނެޝަނަލް އެލަޔަންސް" (ޓީއެންއޭ) އިން ލޯކަލް ސަރުކާރެއް އެކުލަވާލުމުގެ ކަންތައްކުރިޔަށް ގެންދާކަން ހާމަކޮށްފި އެވެ.

ތަމަޅަ އިންގެ ކުރީގެ މަޝްހޫރު ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ޓައިގަރު ޖަމާއަތަށް ނިސްބަތްވާ ޓީއެންއޭ އިން ބުނީ ލޯކަލް ސަރުކާރެއް އުފެއްދުމަށް ކުރަން ޖެހޭ އެންމެހާ ކަންތައްތައް މައިސަރުކާރާ ގުޅިގެން ކުރަމުންގެންދާ ކަމަށާ ލޯކަލް ސަރުކާރުގެ ފަންނީ އަދި އިދާރީ މަޤާމުތަކަށް ތަޖްރިބާކާރުން ޢައްޔަންކުރުމަށް ކުރަންޖެހޭ މަޝްވަރާތައް ވެސް ކުރަމުންގެންދާ ކަމުގައެވެ. ސްރީލަންކާގެ އުތުރު ސަރަހައްދުގައި އެކުލަވާލާ ލޯކަލް ސަރުކާރުގެ ކައުންސިލްގައި ހިމެނެނީ އިންތިޚާބުކޮށްފައިވާ 38 މެންބަރުންނެވެ.

މިދިޔަ ހޮނިހިރުދުވަހު ބޭއްވި މިއިންތިޚާބުގައި އެކައުންސިލްގެ 38 ގޮނޑިގެ ތެރެއިން 30 ގޮނޑި ކާމިޔާބުކޮށްފައި ވަނީ ޓީއެންއޭ އެވެ. ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ވެރިކަންކުރާ އެލަޔަންސަށް މިއިންތޚާބުގައި ކާމިޔާބު ކުރެވުނީ އެންމެ 7 ގޮނޑި އެވެ. މިކައުންސިލްގެ އެއްގޮނޑި ކާމިޔާބުކޮށްފައި ވަނީ އިސްލާމީ ޕާޓީއަކުންނެވެ.

ދާޚިލީ ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ އަދި ތަމަޅަ ދަރިކޮޅުގެ އަޣްލަބިއްޔަތު އޮންނަ ސްރީލަންކާގެ އުތުރުގެ މައި ސަރަހައްދަކީ ޖެފްނާ އެވެ. ޓީއެންއޭ އަށް އެންމެ ގިނަ ވޯޓު ލިބިފައިވަނީ ވެސް ޖެފްނާއިން ކަމަށް ސްރީލަންކާގެ އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން ބުނެ އެވެ. ތަމަޅައިންގެ އަޣްލަބިއްޔަތު އޮންނަ އުތުރުގެ ސަރަހައްދުގައި އިންތިޚާބުކުރި ލޯކަލް ކައުންސިލަކީ ވެރިކަމުގެ ވަރަށް ބޮޑެތި ބާރުތަކެއް ލިބިގެންދާނެ ކައުންސިލެކެވެ. ސްރީލަންކާގެ އުތުރުގެ ސަރަހައްދުގެ އަޣްލަބިއްޔަތު އޮންނަ ތަމަޅަ ދަރިކޮޅުގެ މީހުންގެ ޒަމާންވީ ޝަކުވާއަކީ އެމީހުންގެ ސަރަހައްދުތަކުގައި ދާޚިލީ ގޮތުން ކަންތައްތައް ހިންގުމުގެ ގާނޫނީ ބާރުން އެމީހުން މަހްރޫމް ކުރެވިފައިވުމެވެ.

މީގެއިތުރުން އެސަރަހައްދުގެ ތަރައްގީއާއި ކުރިއެރުމަށް ސްރީލަންކާގެ ސަރުކާރުތަކުން ވަރަށް ބޮޑަށް އިހްމާލުވެފައިވުމަކީ ވެސް ވަކިވެގަތުމުގެ ފިކުރު ތަމަޅައިންގެ ހިތްތަކުގައި އަށަގަތުމުގެ މައިގަނޑު ސަބަބެކެވެ. އެހެންކަމުން ތަމަޅައިންގެ އަޣްލަބިއްޔަތު އޮންނަ މި ސަރަހައްދުގައި ގާއިމްކުރެވޭ ލޯކަލް ސަރުކާރަށް ވެރިކަމުގެ ބާރުތައް ދިނުމަށް ސަރުކާރުން ފަސްޖެހޭ ނަމަ ސްރީލަންކާގެ ދާޚިލީ ސުލްޙަ އަނެއްކާ ވެސް ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެންދާނެ ކަމަށާ ވަކިވެގަތުމުގެ ފިކުރަށް ތާއީދުކުރާ ތަމަޅައިން އަނެއްކާ ވެސް ގިނަވެގެންދާނެ ކަމަށްވަނީ ބެލެވިފަ އެވެ.(ބީ.ބީ.ސީ)