އަންނަ މަހުގެ 10 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ގައުމީ ވޮލީބޯޅަ ލީގު އެއްވަނަ ޑިވިޝަނާއި 22 ވަނަ ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގައި ވާދަކުރާ ނައިފަރު ޖުވެނައިލްގެ ވޮލީޓީމް އެސްޓީއޯގެ ފަރާތުން ސްޕޮންސާކޮށްފި އެވެ.

އެސްޓީއޯއާއި ނައިފަރު ޖުވެނައިލްއާއި ދެމެދު އެއްބަސްވެވިފައިވާ އެޓީމުގެމެއިން ސްޕޮންސާ އެއްގެ ގޮތުންނެވެ. އެއެއްބަސްވުމުގެ ދަށުން ނައިފަރު ޖުވެނައިލް ޓީމް ގައުމީ ވޮލީލީގު އެއްވަނަ ޑިވިޝަންގަޔާއި،22 ވަނަ ވޮލީބޯޅަ އެސޯސިއޭޝަންކަޕްގައި ވާދަކުރާ އިރު ޓީމް ބޭނުންކުރާ މެޗު ޖާޒީގަޔާއި، ޕްރެކްޓިސްކިޓްގައި އެސްޓީއޯއިން ރާއްޖެ އެތެރެކޮށް ވިއްކާ މަޝްހޫރު ހިކިކިރުގެ ބްރޭންޑެއްކަމަށްވާ "އަލްމުދިސް" ކިރު އިސްތިހާރު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ނައިފަރު ޖުވެނައިލް ޓީމުގެ އިސް އޮފިޝަލަކު ސަންއާ ވާހަކަ ސައްކަމުން މިރޭ ވިދާޅުވީ ވޮލީބޯޅައަކީ ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު މަގުބޫލްކަމެއް ދީގެންކުޅޭ ކުޅިވަރުކަމަށް ވާއިރު މުބާރާތުގައި ރާއްޖެތެރެއިން ވާދަކުރާ ހަމައެކަނި ވޮލީބޯޅަ ޓީމުގެ ޖާޒީގައި އެސްޓީއޯއިން ވިއްކާ ހިކިކިރުގެ ބާވަތެއްކަމުގައިވާ "އަލްމުދިސް" އިސްތިހާރު ކުރުމަށް ލިބުނު މި ފުރުސަތަކީވަރަށް ރަނގަޅު ފުރުސަތަކަށް ވާނޭ ކަމަށް ގަބޫލު ކުރާ ކަމަށެވެ. އަދި މިކަމަކީ ރާއްޖެތެރޭގެ ކުޅިވަރު ކުރިއެރުވުމަށް ވަކިން ޚާއްސަކޮށް ވޮލީބޯޅަ ކުރިއެރުވުމަށް އެސްޓީއޯއިން ވެދެއްވިވަރަށް އަގުހުރި އެހީއަކަށް ވެގެންދާނޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނައިފަރު ޖުވެނައިލް ޓީމު ގައުމީ ވޮލީލީގު އެއްވަނަ ޑިވިޝަންގައި ވާދަކުރަނީ މިއަހަރުގެ ކުރީކޮޅު ބޭއްވުނު ގައުމީވޮލީލީގު ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންޓީމުގެ ގޮތުންނެވެ.