އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ބަހައްޓަން ނިންމާފައި ވަނީ 474 ވޯޓް ފޮށި ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

"ސަން" މިއަދު ދެއްވި އިންޓަވިއުއެއްގައި ކޮމިޝަންގެ ސެކެރެޓަރީ ޖެނަރަލް އާސިމް އަބްދުއްސައްތާރު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ބެހެއްޓި 470 ވޯޓް ފޮއްޓަށް ވުރެ މި ފަހަރު ތިން ފޮށި އިތުރުވާނެ ކަމަށެވެ. އެގޮތުން އިތުރު ދެ ރިސޯޓެއްގަ އާއި މަދީނާގެ ރިޔާޟުގައި ވޯޓް ފޮއްޓެއް ބަހައްޓަން ހަމަޖެހިފައިވާ ކަމަށް އާސިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ބަހައްޓަން ނިންމާފައި ވަނީ 473 ވޯޓް ފޮށި. ދެ ވަނަ ބުރުގައި އަލަށް ވޯޓް ފޮށި މި ބަހައްޓަނީ ދެ ރިސޯޓެއްގައި އަދި ހައްޖަށް ވަޑައިގެންނަވާ މީހުންނަށް އަމާޒް ކޮށްގެން މަދީނާގެ ރިޔާޟުގައި" އާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެ ވަނަ ބުރުގައި ވޯޓް ފޮށިތައް ބަހައްޓަން އަދި ހަމަޖެހިފައި ވަނީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ވޯޓް ފޮށިތައް ބެހެއްޓި މަރުކަޒުތަކުގައި ކަމަށެވެ. އެހެން ނަމަވެސް އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓް ފޮށިތައް ބެހެއްޓި ބައެއް މަރުކަޒު ތަކުގައި ވޯޓް ފޮށިތައް ބެހެއްޓުމަށް ދަތިތަކެއް ހުރި ކަމަށް އާސިމް ވިދާޅުވި އެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓްލާ މީހުންނަށް ވޯޓްލާން ޖެހޭ ތަން ޗެކްކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.