22 Sep 2013, 18:02
ޖުމްހޫރީ ޕާޓީގެ ފަރާތުން ހުށަހެޅި ތިން މީހެއްގެ ހެކިބަސް ސުޕްރީމް ކޯޓުގައި މިއަދު ނަގައިފި އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ހަވީރު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ތިން މީހުން ވެސް ހެކިބަސް ދީފައި ވަނީ ކާކުކަން ނޭނގޭ ގޮތަށް ސިއްރުންނެވެ.
ހެކިބަސް ދިން ފުރަތަމަ މީހާ ބުނީ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ވޯޓުލާން ދިޔުމުން އޭނާ އަކީ ވޯޓުލާފައިވާ މީހެއް ކަމަށް އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލް ވިދާޅުވި ކަމަށެވެ.
އެމީހާ ބުނީ އޭނާ ވޯޓުލާން ދިޔަ އިރު ވޯޓުލާ މީހުންގެ ލިސްޓުގައި އޭނާގެ ނަމާއި ދިމާލުގައި ވަނީ ފާހަގަ ޖަހާފައި ކަމަށާއި އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން އިލެކްޝަންސްގެ އޮފިޝަލުން މަޝްވަރާ ކުރެއްވުމަށް ފަހު ވޯޓުލުމުގެ ފުރުސަތު އޭނާ އަށް ދީފައިވާ ކަމަށެވެ.
ހެކިބަސް ދިން ދެވަނަ މީހާ ބުނީ އޭނާ އަކީ ދާއިމީ އެޑްރެހުގައި ވޯޓުލާން ޖެހޭ މީހެއް ކަމަށް ވާތީ ވޯޓުލުމަށް އެއްވެސް ތަނެއްގައި ރަޖިސްޓްރީ ކޮށްފައި ނުވާނެ ކަމަށެވެ.
އޭނާ ވޯޓުލާން ޖެހޭ ވޯޓު ފޮއްޓަށް ދިޔުމުން ލިސްޓުގައި ނަން ނެތް ކަމަށާއި އެހެންކަމުން ވޯޓު ނުލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލް ވިދާޅުވި ކަމަށެވެ.
އެވަގުތު ވޯޓު ނުލެވުމުން ފަހުން ވޯޓު ލެވޭނެ ކަމަށް އިލެކްޝަންސްގެ އޮފިޝަލުން ވިދާޅުވިތޯ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ދެންނެވުމުން އެމީހާ ބުނީ ފަހުން އޭނާ އަށް ވޯޓުލެވޭނެ ކަމަށް އިލެކްޝަންސްގެ އޮފިޝަލް ވިދާޅުވެފައި ނުވާ ކަމަށެވެ.
ރިޔާސީ އިންތިޚާބު ފެށުމުގެ ކުރިން ޕީޕީއެމްގެ ފަރާތުން ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ހުކުމްގައި އެ މީހަކު ރަށްވެހިވެފައިވާ ރަށުގައި ހުންނަ ވޯޓު ފޮއްޓަށް ދިޔުމުން ވޯޓުލުމުގެ ފުރުސަތު ދިނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ވަނީ ލާޒިމް ކޮށްފަ އެވެ.
ތިން ވަނަ އަށް ހެކިބަސްދީފައި ވަނީ ވޯޓު ފޮއްޓެއްގެ ވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވި މީހެކެވެ.
އޭނާ ވިދާޅުވީ އޭނާ ވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވި ވޯޓު ފޮށި ކަނޑައި ހާޒިރުވެ ތިބި މީހުންނަށް ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ހެނދުނު 7:20ގައި ދައްކާފައިވާ ކަމަށެވެ.
ވޯޓު ލުމުގެ މަސައްކަތް ފެށި އިރު ބީޕީއާރްއެސް ސިސްޓަމްގައި މައްސަލަ ޖެހިފައި ވާތީ ޓްރޭނިންގައި ކޮމިޝަނުން ބުނެފައިވާ ފަދައިން ވޯޓުލި މީހުން ފާހަގަ ކުރީ ވޯޓުލާ މީހުންގެ ލިސްޓުގައި ކަމަށް ވެސް އެމީހާ ބުންޏެވެ. އޭގެ ފަހުން އެދުވަހު 10:00 އެހައިކަންހާ އިރު ބީޕީއާރްއެސް ސިސްޓަމަށް ދިމާވި މައްސަލަ ހައްލުވުމުން ރަށުން ބޭރުން ވޯޓުލުމަށް ގޮސް ވޯޓުލީ މީހުންގެ މައުލޫމާތު ބީޕީއާރްއެސް ސިސްޓަމަށް އެންޓާ ކުރަން އުޅުމުން އެ ފަސް މީހުންނަކީ އެހެން ރަށެއްގައި ވޯޓުލާފައިވާ މީހުން ކަމަށް ސިސްޓަމުން ދައްކާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ފަސް މީހުންނަށް ދެން ވޯޓުލެވޭނެ ވޯޓު ފޮށި ހުރި ރަށަށް ދެވޭނީ 10 މިނެޓުން ކަމަށާއި އަނެއް ރަށުން ވޯޓުލުމަށް ފަހު ދެވަނަ ރަށަށް ދިޔުމުގެ ފުރުސަތު އޮތް ކަމަށެވެ.