23 Nov 2010, 11:24
ގުޅީފަޅު ހިއްކިތާ ދެ މަސް ނުވަނީސް އެ ރަށަށް ކަރަންޓުގެ ހިދުމަތް ސްޓެލްކޯ އިން ދީފި އެވެ.
ސްޓެލްކޯގެ މީޑިއާ އޮފީޝަލް އިބްރާހީމް ރައޫފު މިއަދު ވިދާޅުވީ އަލަށް އާބާދު ކުރި 10 ހެކްޓަރުގެ ރަށުގައި ގާއިމްކޮށްފައިވާ ދެ ޖަނަރޭޓަރު ސިސްޓަމުން އެ ރަށުގައި މަސައްކަތް ކުރާ މީހުންނަށް ދަތި ކަމެއްނެތި ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި އޭނާ ބުނީ އެ ރަށުގައި ހިދުމަތްތައް ފުޅާވަމުން އަންނަ ވަރަކަށް ބަލައި ޖަނެރޭޓަރުތައް އަޕްގްރޭޑް ކުރާނެ ކަމަށާއި އެ ނެޓްވޯކް ފުޅާކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ގުޅީ ފަޅަށް ކަރަށްޓު ދިނުމަށްޓަކައި އެ ރަށުގައި ބަހައްޓާފައި ވަނީ 37 ކިލޯ ވޮލްޓޭޖްގެ ޖަނަރޭޓަރަކާއި 80 ކިލޯ ވޮލްޓޭޖްގެ ޖަނަރޭޓަރެއް ކަމަށެވެ.
ގުޅީފަޅު ރަށްވެހި ކުރުމުގެ މަޝްރޫއުގެ ދަށުން ސަރުކާރުން ފުރަތަމަ އެ ރަށަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދެއްވާފައިވާ އިރު، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ 2,000 ހައުސިން ޔުނިޓް އެ ރަށުގައި ގާއިމުކުރާނެ ކަމަށެވެ.
ގުޅީފަޅު ހިއްކަން ފަށާފައި ވަނީ މި އަހަރުގެ ސެޕްޓެންބަރު މަހު 14 ވަނަ ދުވަހު އެވެ. އަދި އެ މަޝްރޫއުގެ މަސައްކަތް ނިންމައިފައި ވަނީ ހަމަ މި އަހަރުގެ ސެންޓެންބަރު މަހުގެ 19 ވަނަ ދުވަހު އެވެ.