ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ކަންތައްތައް ކުރައްވަމުން ގެންދަވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް އެއްފަރާތަށް ޖެހިގެން ކަމަށް ބުނެ ޕީޕީއެމް އިން ޝާހިދަށް ފާޑުކިޔައިފި އެވެ.

މިއަދު ނަލަހިޔާ ހޮޓަލުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޝާހިދު މަސައްކަތް ކުރައްވަނީ ޑިމޮކްރަސީ ޅަފަތުގައި އޮތް ރާއްޖޭގެ ޑިމޮކްރަސީ "މަރާލުމަށް" ކަމަށާއި އޭނާ އެކަން ކުރައްވަނީ އެމްޑީޕީ އާއި ޑީއާރްޕީން ބާރުލިބިގެން ކަމަށެވެ.

"ރާއްޖެ އަށް އައި މި ޑިމޮކްރަސީ ޅަފަތުގައި މަރާލުމަށް އެމްޑީޕީ އާއި ޑީއާރްޕީ ބައިވެރިވެގެން މިހާރު އަބްދުﷲ ޝާހިދު އިސްވެ ހުންނަވައިގެން ކުރާ މަސައްކަތަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ މިއަދު ކުއްލި ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އެމްޑީޕީން ބޭއްވީ ޖުމްހޫރީ ޕާޓީ އިން ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އިންސާފުވެރި ހުކުމެއް އިއްވައިފާނެތީ އެކަމާ ކަންބޮޑުވެގެން ކަމަށެވެ.

ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ އާރިފް ވިދާޅުވީ މިރޭ އާޓިފިޝަލް ބީޗުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއްގައި އޮންނާނެ ކަމަށާއި އެ ޖަލްސާގައި މިއަދު މަޖިލީހުގައި ކަންތައް ހިންގައި ދިޔަ ގޮތް ރައްޔިތުންނަށް އޮޅުންފިލުވައި ދެއްވާނެ ކަމަށެވެ.

"ރާއްޖޭގެ ރައްޔިތުންގެ މަޖީލީހުގެ އިއްޒަތްތެރި ރައީސްގެ މަގާމުގައި މިވަގުތު ހުންނެވި އެމްޑީޕީ އަށް ނިސްބަތްވެވަޑައި ގަންނަވާ އަބްދުﷲ ޝާހިދު މަޖިލީހުގެ ގަވާއިދާ [ހިލާފަށް] އެމްޑީޕީ އަށް ފައިދާވާ ގޮތަށް ކުރާ މަސައްކަތާ ބެހޭ ވަރަށް ހާއްސަ މައުލޫމާތުތަކެއް މި އިވެންޓްގައި ލިބިގެންދާނެ،" އަލީ އާރިފު ވިދާޅުވި އެވެ.

ޕީޕީއެމްގެ ކެމްޕޭން ހާއްސަ ދަތުރުތަކެއް މާދަމާ އަތޮޅުތަކަށް ކުރަން ފަށާނެ ކަމަށާއި އެ ދަތުރުފުޅުގައި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ރިޔާސީ ކެންޑިޑޭޓް އަބަދުލްﷲ ޔާމީން އަދި ރަނިންމޭޓް ޑރ. މުހައްމަދު އަހުމަދު ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

އެ ކެމްޕޭން ދަތުރުގައި ދާނީ އދ. މަހިބަދޫއަށާއި އއ. ތޮއްޑޫއަށާއި ބ. އަތޮޅު އޭދަފުއްޓަށް ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.