22 Sep 2013, 17:42
ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ބޭނުންކުރާ ދެ ވައްތަރެއްގެ މެޝިން ސަރުކާރުން ނުވަ ރަށަކަށް ދީފި އެވެ.
އެންވަޔަރްމެންޓް މިނިސްޓްރީ މިއަދު ނުވަ ރަށެއްގެ ކައުންސިލާ ހަވާލުކުރީ ދަޅު ފުނޑުކުރާ މެޝިނާއި ލަކުޑި ކުނޑިކުރާ މެޝިނެވެ. އެތަކެތި ހަވާލުކުރީ ލ. ފޮނަދޫ އާއި ޅ. ނައިފަރާއި އދ. މަހިނބަދޫ އާއި ކ. ދިއްފުށްޓާއި މ. ވޭވަށާއި އއ. ހިމަންދު އާއި ނ. ވެލިދު އާއި ފ. ބިލެއްދޫ ކައުންސިލަށެވެ.
އެންވަޔަރްމެންޓް މިނިސްޓްރީން ބުނީ ޖުމްލަ 1.1 މިލިޔަން ރުފިޔާގެ އަގު ހުރި އެ މެޝިން ތަކަކީ އޭޑީޕީގެ ލޯނު އެހީގެ ދަށުން ހޯދާފައިވާ ތަކެތި ކަމަށެވެ. އެއީ ރީޖަނަލް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ފޭސް ދޭއްގައި ހިމެނޭ ކަމެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެންވަޔަރްމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މެޝިންތައް ލިބޭ ކަމުގެ ލިއުންތައް ކައުންސިލްތަކާ ހަވާލުކޮށްދެއްވީ މިނިސްޓަރް މަރިޔަމް ޝަކީލާއެވެ.
ލިއުންތައް ހަވާލުކޮށް ދެއްވުމަށް ފަހު މިނިސްޓަރް ވިދާޅުވީ ބައެއް ރަށް ރަށަށް ދީފައިވާ އެފަދަ ބައެއް އާލާތްތައް ބޭނުން ކުރަމުން ނުދާ ކަމަށެވެ.
"މީގެ ކުރީގައި ވެސް މިޕްރޮޖެކްޓްގެ ދަށުން ކުނި ނައްތާ ސާމާނު ވަނީ އެކި ރަށްރަށާ ހަވާލުކޮށްފައި. އަދިވެސް އެއްބައި ރަށްރަށުން މި އެއްޗެހި ބޭނުމެއް ވެސް ނުކުރޭ. އަދި އަޅުގަނޑުމެން އަތުގައި އެބަހުރި ހަވާލުކޮށްގެން، ބަލާ އަންނާށޭ އަޅުގަނޑުމެން އެބޭފުޅުން އަރިހު ދަންނަވައިގެން ނުގެންގޮސް ހުރި އެއްޗެހި ވެސް،" ޝަކީލާ ވިދާޅުވި އެވެ.
މިއަދު ދޫކުރި މެޝިންތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ކުރުމަށް ކައުންސިލްތަކަށް ޝަކީލާ އިލްތިމާސް ކުރެއްވިއެވެ.