މަޖިލީސް ޗުއްޓީގައި ވަނިކޮށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ 29 މެންބަރުން ހުށަހަޅައިގެން މިއަދު ބާއްވަން އުޅެ "ޒުވާބާއި ހަޅޭކުގެ ތެރޭގައި" ނުބެއްވުނު ޖަލްސާ އަލުން މިރޭ ބާއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުން ދެންމެ ނުރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއަދު ހެނދުނު ކުރިއަށް ގެންދަން މަސައްކަތް ކުރި މަޖިލީހުގެ ހާއްސަ ޖަލްސާ ކުރިއަށް ނުގެންދެވުނީ މަޖިލީހުގެ ތަޅުމުގައި ހުރި ތަކެއްޗަށް ގެއްލުންދީ ޖަލްސާ ކުރިއަށް ނުގެންދެވޭ ވަރަށް ތަކެއްޗަށް ގެއްލުން ދިނުމުން ކަމަށެވެ.

"މިއަދު، މަޖިލީހުގެ ޖަލްސާ ކުރިއަށް ދަނިކޮށް، ޖަލްސާކުރާ މާލަމުގައިވާ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ދިނުމާ ގުޅިގެން، އެތަކެތި މަރާމާތުކުރުމަށް ޓަކައި ޖަލްސާ މެދުކަނޑާލުމަށް ފަހު، މިރޭ 9:00ގައި އެ ޖަލްސާ ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ވާހަކަ ދަންނަވަމެވެ،" މަޖިލީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މަޖިލީހުގެ ހާއްސަ ޖަލްސާ ކުރިއަށް ނުގެންދިއުމަށް ނިންމީ، ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުނާ އެކު ބޭއްވި މަޝްވަރާތަކުން ކުރި އެރުމެއް ނުލިބުމުންނެވެ. އެ ބައްދަލުވުމުގައި އެންމެ ފަހުން ނިންމީ މަޖިލިސް ބާއްވާނެ އަމާން މާހައުލެއް ނެތުމުން ޖަލްސާ ނުބޭއްވުމަށެވެ.

މިއަދު މަޖިލިސް ބާއްވަން އުޅުނީ ވާދަވެރި ސިޔާސީ ފަރާތްތަކުން ދުސްތޫރީ އުސޫލުތައް މުގުރާލައި ޑިމޮކްރަސީއާ ދުރަށް މިސްރާބު ޖަހާފައިވާ ކަމަށް އެމްޑީޕީ އިން ބުނެ، ގާނޫނު އަސާސީ މެދުވެރިކޮށް ދައުލަތުގެ މުއައްސަސާތައް ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ 29 މެންބަރަކު ހުށަހެޅުމަށެވެ.

މިއަދު ހެނދުނު 9:00ގައި ފެށި މަޖިލިސް ފުރަތަމަ ހުއްޓާލަން ޖެހުނީ މަޖިލީހުގެ މައިކް ސިސްޓަމާއި ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލަ ހައްލު ކުރުށް ފަހު، ބައި ގަޑިއެއްހާއިރު ފަހުން ފެށި ޖަލްސާ ކުރިއަށް ގެންދެވުނީ 15 މިނިޓަށެވެ. ދެ ވަނަ ފަހަރަށް މަޖިލިސް ފެށުމަށް ފަހު ޖަލްސާ ހުއްޓާލީ 9:45ގަ އެވެ.

މަޖިލިސް ހުއްޓާލީ ހަޅޭކާއި ޒުވާބުގެ ތެރޭ މެންބަރުންގެ ބަހުގެ ހަމަލާތައް ބޮޑުވެ، ރިޔާސަތުގެ ކުރިފުޅުމަތީ ހުރި އިދާރީ މޭޒުގެ މުވައްޒަފުންނަށް އުނދަގުވާ ވަރަށް މަޖިލީހުގެ މާހައުލު ބަދަލުވުމުންނެވެ. މަޖިލިސް ހުއްޓުވުމަށް އެމްޑީޕީއާ އިދިކޮޅު މެންބަރުން ވަނީ ވުވުޒެލާ އާއި ކަށިގަނޑު ފުމެފަ އެވެ.