22 Sep 2013, 15:29
ގައުމީ ޔުނިވާސިޓީގައި އަންނަ އަހަރުގެ ފުރަތަމަ ޓާމުގައި 11 ދާއިރާއަކުން 218 ކޯހެއް ފަށަނެ ކަމަށް އެ ޔުނިވާސިޓީން މިއަދު ބުނެފި އެވެ.
އަންނަ އަހަރު އަލަށް ފަށާ ކޯސްތަކާއި ބެހޭ ގޮތުން ގައުމީ ޔުނިވާސިޓީގެ އިދާރީ މަރުކަޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔުނިވާސިޓީގެ ރެޖިސްޓްރާ އައިޝަތު އަލީ ވިދާޅުވީ އަންނަ އަހަރުގެ ފުރަތަމަ ޓާމުގައި ފެށާ ކޯސްތަކުގައި ސެޓްފިކެޓް ތިނަކުން ފެށިގެން މާސްޓާސް ފެންވަރުގެ ކޯސްތަކެއް ހިމެނޭނެ ކަމަށެވެ. އެގޮތުން 11 ދާއިރާއަކުން 218 ކޯހެއް މިއަހަރުގެ ފުރަތަމަ ބުރުގައި ހުޅުވާލާނެ ކަމަށް އައިޝަތު ވިދާޅުވި އެވެ.
ގްރޭޑް ހަތެއްގެ ފެންވަރުން ފެށިގެން ޑިގްރީ ފެންވަރުގެ ދަރިވަރުންނަށް ބައިވެރިވެވޭ ކޯސްތަކަށް ހަތް 7130 ކުދިންގެ ޖާގަ އޮތް ކަމަށް އައިޝަތު ވިދާޅުވި އެވެ. އަދި މުޅިން އަލަށް ދިވެހި ބަހުގެ ބެޗެލާސް ކޯހަކާއި ސެޓްފިކެޓް ތިނެއްގެ ޓުއާގައިޑިން ކޯހަކާއި އިސްލާމިކް ސްޓަޑީޒްއިން މާސްޓާސް އިން އާޓްސްގެ ކޯހެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބައްދަލުވުމުގައި އެކަޑެމިކް އެފެއާޒުގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ޑރ. އަލީ ޝަރީފު ވިދާޅުވީ އަންނަ އަހަރުގައި ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް (އެފްއައިއެސް) ފަރާތުން އެޑްވާންސް ސެޓްފިކެޓް އިން އަރަބިކް ލޭންޖުއޭޖުގެ ކޯހަކާއި ފެކަލްޓީ އޮފް އާޓްސް (އެފްއޭ) ގެ ފަރާތުން ބެޗެލާސް އިން ޕޮލިޓިކަލް ސައިންސްގެ ކޯހަކާއި ފެކަލްޓީ އޮފް މެޑިކަލް (އެފްއެމް) ގެ ފަރާތުން ބެޗެލާސް އިން މެޑިކަލް ލެބޯރަޓަރީގެ ކޯހެއް ފެށޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަންނަ އަހަރު ކޮންމެ ވެސް އެއް ފެކަލްޓީއެއްގައި ޕީއެޗްޑީގެ ފެންވަރުގެ ކޯހެއް ފެށުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ރަށުގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން އާ ކޯސްތަކެއް އަންނަ އަހަރު ކެމްޕަސްތަކުގައި ކުރިއަށްދާނެ ކަމަށް ޑރ. އަލީ ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެކަލްޓީ އޮފް މެނޭޖްމަންޓް އެންޑް ކޮންޕިއުޓިން (އެފްއެމްސީ) އިން މާސްޓާސް އިން ކޮމްޕިއުޓިން އެންޑް އިންފޮމޭޝަން ސައިންސްގެ ކޯހެއް ނިއުޒިލޭންޑުގެ އޮކްލޭންޑް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީ (އޭޔޫޓީ) ގެ ފަރާތުން އަންނަ އަހަރު ފެށުމަށް ރާވަމުންދާ ކަމަށެވެ. ޔުނިވާސިޓީގެ ސެޓްފިކެޓް ލިބޭ އެ ކޯހުން ރާއްޖޭގެ ކުދިން ހަރަދު ކުރާ ފައިސާގެ 10 ޕަސެންޓު މާފުވާނެ އެވެ.
ގައުމީ ޔުނިވާސިޓީން މައުލޫމާތުދޭ ގޮތުގައި މިއަންނަ އަހަރުގެ ފުރަތަމަ ޓާމުގައި އާޓްގެ ރޮނގުން 365 ފުރުސަތެއް ވަނީ ހުޅުވާލާފަ އެވެ. އަދި އިންޖިނިއަރިންގެ ރޮނގުން 200 ޖާގައެއް ހުޅުވާލިއިރު ސިއްހީ ދާއިރާއިން ވަނީ 485 ޖާގައެއް ހުޅުވާލާފަ އެވެ. މީގެ އިތުރުން އިސްލާމީ ތައުލީމުގެ ރޮނގުން 405 ޖާގައެއް ހުޅުވާލާފައިވާއިރު މެރިޓައިމް އާއި ޝަރީއާގެ ރޮނގުން ވަނީ ޖުމްލަ 310 ޖާގައެއް ހުޅުވާލާފަ އެވެ.
މިއަންނަ އަހަރު އެންމެ ގިނަ ޖާގަ ހުޅުވާލާފައި ވަނީ ތައުލީމާއި، ފަތުރުވެރިކަމާއި، އޯޕަން ލާނިންނާއި މެނޭޖްމަންޓް އަދި ކޮންޕިއުޓަރުގެ ރޮނގުންނެވެ. އެގޮތުން ތައުލީމީ ރޮނގުން 1425 ޖާގައެއް ހުޅުވާލާފައި ވާއިރު ފަތުރުވެރިކަމުގެ ރޮނގުން ވަނީ 1480 ޖާގަ ހުޅުވާލާފަ އެވެ. އަދި އޯޕަން ލާނިންގެ ރޮނގުން 1260 ޖާގަ ހުޅުވާލާފައިވާއިރު މެނޭޖްމަންޓް އަދި ކޮންޕިއުޓަރުގެ ރޮނގުން ވަނީ 725 ޖާގައެއް ހުޅުވާލާފަ އެވެ.