ބޭންކް އޮފް މޯލްޑިވްސް ޗީފް އެގްޒެކްޓިވް އޮފިސަރަކަށް ހުންނެވި އިނގިރޭސިވިލާތުގެ ޕީޓާ ހޯޓަން މަގާމުން އިސްތިއުފާދެއްވައި، ފުރާވަޑައިގެންނެވުމުން އެ ބޭންކް ހިންގުން އައިޝަތު ނޫރައްދީންއާ ހަވާލުކޮށްފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ބޭންކުގެ ކުރިން ޑެޕިއުޓީ ސީއީއޯއަކަށް ހުންނެވި އައިޝަތު ނޫރައްދީންއާ ބޭންކް ހިންގުން ހަވާލުކޮށްފައި ވަނީ ކުރީގެ ސީއީއޯ މިމަހުގެ 12 ވަނަ ދުވަހު ފުރާވަޑައިގަތުމާ ގުޅިގެން ކަމަށް އެ ބޭންކުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ބޭންކުގައި އެންމެ ގިނަ ދުވަސްވީ އަންހެން މުވައްޒަފު، އައިޝަތު ނޫރައްދީން ވަނީ ޕީޓާ އެ ބޭންކުގެ ސީއީއޯއަކަށް ވަޑައިގަތުމުގެ ކުރިން ވެސް ބޭންކު ހިންގަވައިފަ އެވެ. އަދި އޭނާ އަކީ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ބޭންކުގެ އޮފިޝަލަކު ވިދާޅުވީ ކުރީގެ ސީއީއޯ ފުރާވަޑައިގަތުމާ ގުޅިގެން އަލުން އެ މަގާމަށް މީހަކު ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ކުރިމަތިލާފައިވާ ކަމަށެވެ.

"ސީއީއޯ އަކު ހަމަޖެއްސުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް އެބަދޭ. އެކަމަށް ވަރަށް ގާބިލު މީހުންތަކެއް ކުރިމަތިލާފައި އެބަތިބި،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ޕީޓާ ހޯޓަން ވަނީ ބާމިއުޑާ ކޮމާޝަލް ބޭންކްގެ ސީއީއޯއަކަށް ހަމަޖައްސައިފަ އެވެ.

ބާމިއުޑާ ސަންގައި ބުނެފައި ވަނީ ބާމިއުޑާ ނެޝަނަލް އިންވެސްޓްމަންޓްގެ 100 ޕަސެންޓް ހިއްސާވާ ސަބްސިޑިއަރީ ބޭންކުގެ ސީއީއޯއަކަށް ހަމަޖެއްސެވި ޕީޓާ މިމަހު އެ މަގާމާ ހަވާލުވާނެ ކަމަށެވެ.

ފާއިތުވި ތިން އަހަރު ބީއެމްއެލްގެ ހިއްސާގެ ފައިދާ ބަހާފައި ނުވިނަމަވެސް މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ލިބުނު 527 މިލިއަން ރުފިޔާގެ ސާފު ފައިދާ އިން 50 މިލިއަން ރުފިޔާ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ބަހަން ވަނީ ނިންމައިފަ އެވެ.