22 Sep 2013, 15:08
ރާއްޖެ އަށް ކެނެބިސް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު އެއް ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އުމުރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ހއ. ދިއްދޫ، އަލިމަސްވިލާ، ޢަދުނާން މޫސާ (57އ) ގެ މައްޗަށް ކެނެބިސް ޓްރެފިކް ސާބިތުވެގެން ހުކުމް ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ކުރިމިނަލް ކޯޓްގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ.
އަދްނާން މޫސާގެ މައްޗަށް އުފުލި ދައުވާގައި ދައުލަތުން ބުނެފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ދެ ވަނަ ދުވަހު ހަވީރު ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށްގެންގޮސް ބަލައިފާސްކުރި އިރު 484.5 ގްރާމް ކެނެބިސް އަޅާފައި ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ އިރު އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރި އިރު ޖުމްލަ 124.6789 ގްރާމް ހުރި ފަސް ޕްލާސްޓިކް ދަޅު ފެނުނު ކަމަށެވެ. އަދި ހަމަ އެހެންމެ އަދުނާން މަސައްކަތްކުރާ ބޯޓުގައި އޭނާ ނިދާ ބަންކް ބެޑް ތިރީ އެނދުގެ ގޮދަޑި ދަށުން ޖުމްލަ 296.0036 ގްރާމް ކެނެބިސް އަޅާފައި ހުރި 12 ޕްލާސްޓިކް ދަޅު ފެނިފައިވާ މައްސަލަ ދައުލަތުން ވަނީ ކޯޓަށް ހުށަހަޅާފަ އެވެ.
ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމުގައި ވަނީ ޢަދުނާން މޫސާ މައްޗަށް ހުކުމް ކަނޑައެޅީ އޭނާގެ އަމިއްލަ އިޢުތިރާފުންނާއި ހެކިންގެ ހެކިބަހުންނާއި ގުޅިފައިވާ ގަރީނާތަކަށް ބަލާ އިރު އޭނާގެ މައްޗަށް ކުށް ސާބިތުވާތީ ކަމަށެވެ. އަދި އެ ހުކުމް އޭނާގެ މައްޗަށް އިއްވީ މަސްތުވާ ތަކެއްޗާ ބެހޭ ޤާނޫނުގެ 137 ވަނަ މާއްދައިގެ (ބ) އާ ޙަވާލާދީ އެ ޤާނޫނުގެ 106 ވަނަ މާއްދާގެ (ހ) ގެ ދަށުން ކެނަބިސް ޓްރެފިކް ކުރުމުގެ ކުށް ޢަދުނާން މައްޗަށް ސާބިތުވެފައި ވާތީ ކަމަށް އެ ހުކުމުގައި ބުނެފައިވެ އެވެ.