22 Sep 2013, 14:55
ކ. ދިޔަނެރު ފަޅު ތަރައްގީކުރުމުގެ މަޝްރޫއަށް ބަދަލުތަކެއް ގެނެސް އަލުން ހުޅުވާލަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.
ޗެއާމަން އަބްދުއްރަޝީދު ނާފިޒު ވިދާޅުވީ ކ. އާރަށް ކައިރީގައި އޮންނަ ދިޔަނެރު ފަޅު ތަރައްގީކުރަން ހުޅުވާލުމުން ހުށަހެޅި ޕްރޮޕޯސަލްތަކުގައި ޓޫރިޒަމާ ގުޅޭ ކަންތައްތައް ވަރަށް ބޮޑަށް ފޯކަސްކޮށްފައިވާ ކަމަށެވެ. ނަމަވެސް މިހާރު އެތަން ތަރައްގީކުރަން ނިންމާފައި ވަނީ ހަމައެކަނި ޔޮޓްމެރީނާއެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ދިޔަނެރު ފަޅު މެރީނާއެއްގެ ގޮތުގައި ތަރައްގީކުރާ އިރު އެތަނުގައި ޓޫރިސްޓް ހޮޓަލަކާއި ޔޮޓް ފަހަރު މަރާމާތުކޮށް ސްޕެއާ ލިބޭނެ އިންތިޒާމް ގާއިމުކުރަން ނިންމާފައިވެ އެވެ. އަދި އެތަނާއި މާލެއާ ދެމެދު ފެރީ ނިޒާމެއް ގާއިމުކުރުން ވެސް ހިމެނޭ ކަމަށް ޓްރާންސްޕޯޓުން ކުރިން ބުނެފައިވެ އެވެ.
"އެ މަޝްރޫއަކީ ވަރަށް ބޮޑު މަޝްރޫއެއް. އެހެންވެ ޕްރޮޕޯސަލްތައް ހުށަހެޅި ފަރާތްތަކުން ވެސް ވަރަށް ބޮޑަށް ފޯކަސްކޮށްފައި ވަނީ ޓޫރިޒަމަށް. އެހެން އޮތުމުން އެތަނުން ހިދުމަތް ހޯދާ ފަރާތްތަކަށް ވަރަށް ބޮޑު އަގުތަކެއް ދައްކަން ޖެހޭ ކަމަށް ފާހަގަކުރެވިފައި ވާތީ އެ ޕްރޮޖެކްޓްގެ ސްކޯޕަށް ބަދަލު ގެންނަން ނިންމީ،" ނާފިޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރާ ގުޅިގެން މާލެ ކައިރީ އޮންނަ ދިޔަނެރު ފަޅު ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ ދިވެހި ހަތަރު ކުންފުންޏަކުން ޝައުގުވެރިކަންފާޅުކޮށްފައިވާ ކަމަށެވެ.