22 Sep 2013, 14:33
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ބަހުސްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް "ވަގުތު ދެއްވަން ދަތިފުޅުވާތީ" ރިޔާސީ ބަހުސް ކެންސަލްކޮށްފި އެވެ.
ބަހުސްގައި ބައިވެރިވެވަޑައިގަންނަވަން އުޒުރުވެރިވާ ކަމަށް ބުނެ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)އަށް އެމްޑީޕީން ފޮނުވި ސިޓީގައި ވަނީ ވަރަށް ގިނަ ރަށް ރަށަށް ނަޝީދު ދަތުރުފުޅު ކުރެއްވުމަށާއި އެތައް އިވެޓެއްގައި ބައިވެރިވެވަޑައިގަތުމަށް ޝެޑިއުލްކުރައްވާފައި ވާތީ ފުރަތަމަ ބުރުގެ ބަހުސްގައި ބައިވެރިވެވަޑައިގެންފައިވުމާ އެކު، އިތުރަށް ވަގުތުދެއްވަން ނަޝީދަށް ދަތިފުޅުވާ ކަމަށެވެ.
ގައުމީ ޔުނިވާސިޓީ ގުޅިގެން މާދަމާ ރޭ ބާއްވަން ނިންމާފައި އޮތް ބަހުސް ކެންސަލް ކުރިކަން ހާމަކޮށްފައި ވަނީ އެމްބީސީން މިއަދު ނެރުނު ބަޔާނެއްގަ އެވެ. ބަޔާނުގައި ބުނެފައި ދެ ވަނަ ބުރުގެ ބަހުސްގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޕީޕީއެމުން އަންގާފައިވާ ކަމަށެވެ. ނަމަވެސް ބަހުސްގައި ނަޝީދަށް ބައިވެރިވެވަޑައި ނުގެންނެ ވޭތީ ބަހުސް ވޭއްވޭ ގޮތް ނުވި ވާހަކަ "ހިތާމައާ އެކު ދިވެހި ރައްޔިތުންނަށް" އާންމުކޮށް ދަންނަވާ ކަމަށް އެމްބީސީގެ ބަޔާނުގައިވެ އެވެ.
"ފުރަތަ ބުރުގެ ރިޔާސީ ބަހުސާއި ރަނިންމޭޓުންގެ ބަހުސާއި އިންތިހާބަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް އުފެއްދި ޕްރޮގްރާމްތައް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދެވިފައި ވާތީ، މިކަމުގައި މި ކޯޕަރޭޝަނަށް ދެއްވި އެއްބާރުލެއްވުމަށް ރިޔާސީ ކެންޑިޓުންނާއި އެބޭފުޅުން ނެރުއްވި ސިޔާސީ ޕާޓީތަކަށް މި ފުރުސަތުގައި މި ކޯޕަރޭޝަންގެ ފަރާތުން ޝުކުރު ދަންނަވަމެނެވެ.،" އެމްބީސީން ނެރުނު ބަޔާނުގައިވެ އެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ބަހުސަށް ނަޝީދަށް ވަޑައިގެންނެވެން ނެތް ވާހަކަ އެމްޑީޕީން އެމްބީސީ އަށް އަންގާފައިވާ އިރު، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ބަހުސަށް ކަރުދާސްތަކެއް ނަޝީދު ވެއްދި މައްސަލަ މީޑިއާގައި ވަނީ ފެންމަތިވެފަ އެވެ.