ތ. ތިމަރަފުށީ އެއާޕޯޓްގެ ތަރައްގީގެ އެއްވެސް މަސައްކަތެއް މިހާތަނަށް ފެށިފައި ނުވާ ކަމަށް ބުނެ އެ ރަށު ކައުންސިލް އިދާރާ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ތިމަރަފުށީ ކައުންސިލްގެ މެމްބަރު އިބްރާހިމް ހަލީލް މިއަދު "ސަން" އަށް ވިދާޅުވީ މިދިޔަ މަހުގެ ކުރީކޮޅު ހުޅުވި އެ ރަށު އެއާޕޯޓްގެ ފެންވަރު ވަރަށް ދަށް ކަމަށާއި އަލަށް ފަށަން ބުނި އެއްވެސް މަސައްކަތެއް އަދި ފަށާފައިނުވާ ކަމަށެވެ.

"ވަގުތީ ޓާމިނަލެއް އިނީ، އެތަނުގެ ހާލުވެސް އެހާ ދަށް، އެއާޕޯޓް ހުޅުވި ދުވަހު ފަށަން ބުނި އެއްވެސް މަސައްކަތެއް މިހާތަނަށް ނުފަށާ،" ހަލީލް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އެމްޓީސީސީގެ ބަހެއް ލިބޭ ގޮތް ނުވެފައިވާ އިރު އެމްޓީސީސީއާ ހަވާލާދީ ހަލީލު ވިދާޅުވީ ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ވެސް އެއްވެސް މަސައްކަތެއް ފެށޭވަރު ނުވާނެ ކަމަށް އެކުންފުނިން ބުނެފައިވާ ކަމަށެވެ.

ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލް ވިދާޅުވީ ތިމަރަފުށީ އެއާޕޯޓްގެ އެއްވެސް އަމަލީ މަސައްކަތެއް ފެށިފައިނުވާ ކަމަށާއި މިހާރު މަސައްކަތް ކުރަމުންދަނީ ކުންފުނިތަކާ ވާހަކަ ދެއްކުމުގެ މަސައްކަތް ކަމަށެވެ. އަދި ވަރަށް އަވަހަށް މަސައްކަތްތައް ފެށިގެންދާނެ ކަމަށް ސާމީ ވިދާޅުވި އެވެ.

މިދިޔަ މަހު އެ އެއާޕޯޓް ހުޅުވުމަށް ފަހު ވާހަކަ ދައްކަމުން ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް ވިދާޅުވީ ތިމަރަފުށީ އެއާޕޯޓްގެ ޓާމިނަލް ނިމޭ އިރު އެ ޓާމިނަލް ވެގެންދާނީ މިހާރު ރާއްޖޭގެ ޑޮމެސްޓިކް އެއަޕޯޓެއްގައި ހުންނަ އެންމެ ފުރިހަމަ ޓާމިނަލް ކަމަށެވެ. އަދި އެ އެއާޕޯޓް ހަދާފައި ވަނީ ބޭނުންވާ އިރެއްގައި ބޮޑުކުރެވޭ ގޮތަށް ކަމަށާއި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ވަރަށް އަވަހަށް އެމްޓީސީސީއާ ހަވާލުކުރާނެ ކަމަށެވެ.

ތިމަރަފުށީ އެއާޕޯޓަކީ މިހާރު ހަމައެކަނި ރަންވޭ އަކާއި ވަގުތީ ޓާމިނަލްއަކާ އެކު ހިންގަމުން އަންނަ އެއާޕޯޓްއެކެވެ. އެއެއާޕޯޓްގައި ލައިޓްތައް އަދިވެސް ހަރުނުކުރާ އިރު ހަދާފައިވާ ވަގުތީ ޓާމިނަލްގެ މަސައްކަތްތައް ވެސް ހުރީ ނުނިމި އެވެ.