23 Nov 2010, 10:45
ހައްޖުވެރިންނަށް ޙާއްސަކޮށްގެން އައިޖީއެމްއެޗުން "ފްލޫ ކްލިނިކް"ގެ ނަމުގައި ކްލިނިކެއް މިއަދު ޤާއިމްކޮށްފި އެވެ.
އައިޖީއެމްއެޗުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިއަދުން ފެށިގެން އަންނަ މަހު 7ގެ ނިޔަލަށް ކުރިއަށް ގެންދާ އެ ކްލިނިކަކީ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފަހު އެނބުރި އަންނަ މީހުންގެ ތެރެއިން އެ ހޮސްޕިޓަލްގެ ޑޮކްޓަރެއްގެ ޚިދުމަތް ހޯދަން ބޭނުންވާ މީހުންނަށް ލުއި ފަސޭހަ ގޮތެއްގައި ޑޮކްޓަރަށް ދެއްކުމުގެ ނިޒާމެއް ޤާއިމް ކުރުމުގެ ގޮތުން ޤާއިމްކޮށްފައިވާ ކްލިނިކެއް ކަމަށެވެ.
އައިޖީއެމްއެޗްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ފްލޫ ކްލިނިކްގެ ނަމުގައި ޤާއިމްކޮށްފައިވާ ކްލިނިކަށް ދެއްކުމަށްޓަކައި ނަން ނޯޓް ކުރަން ނުޖެހޭނެ ކަމަށެވެ.
"ކްލިނިކަށް ދައްކަން ހަމަޖައްސާފައިވާ ކޮންމެ ގަޑިއަކު ވެސް މެމޯ ހަދައިގެން އައުމުން ޑޮކްޓަރަށް ދެއްކޭނެ. އިތުރު ޗާޖެއް ދައްކާކަށް ނުވަތަ ކުރިއާލައި ނަން ނޯޓް ކުރާކަމަށް ވެސް ނުޖެހޭނެ،" އޮފިޝަލް ވިދާޅުވި އެވެ.
ދެ ހަފްތާއަށް ހިންގާ އެ ކްލިނިކް ހިނގަމުން ދާނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 8:00 ން ރޭގަނޑު 12:00 އަށް ކަމަށް އެ ނޫސްބަޔާނުގައިވެ އެވެ.
ރާއްޖޭން މިއަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން ފުރަތަމަ ބުރުގެ މީހުން މިއަދު ހެނދުނު ވަނީ މާލެ އައިސްފަ އެވެ. އެގޮތުން މިއަދު ހެނދުނު އައިސްފައި ވަނީ ސިސިލްފަރު ޖަމާއަތުގެ 60 މީހަކާއި އަތަމާ ޖަމާއަތުގެ 28 މީހުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.