21 Mar 2010, 16:52
19:00
މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން އޮޑިޓަރ ޖެނެރަލް ކޮރަޕްޝަންގެ އަމަލްތައް ހިންގަވައިފައިވާ ކަމަށް ބުނެ ޝަރީއަތަށް ފޮނުވުމަށް އެންޓި ކޮޕްޝަން ކޮމިޝަނުން އެ މައްސަލަތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އޮޑިޓަރ ޖެނެރަލް އިބްރާހިމް ނައީމު އަމިއްލަ ބޭނުމަކަށް ބ. އަތޮޅު އޭދަފުއްޓަށާއި ތުޅާދޫއަށް ދަތުރު ކުރެއްވި ލޯންޗުގެ ބިލަށް އޮޑިޓަރ ޖެނަރަލްގެ އޮފީހުން ފައިސާ ދައްކައިފައި ވަނިކޮށް، އެ ބިލަށް އޮޑިޓަރ ޖެނެރަލް ފައިސާ ދައްކަވާފައިވާ ކަމަށް ހެއްދެވުމަށްޓަކައި ފައިސާގެ ރަސީދު ކެންސަލްކޮށް، އަލުން ރަސީދެއް ހެދުމަށާއި އަދި އެ ރަސީދުގައި ކުރީގެ ތާރީހެއްގެ ގޮތުގައި ލިޔުމަށް އޮޑިޓަރ ޖެނެރަލް އަމުރުކޮށްފައިވާ ކަމަށެވެ. އަދި އެ އަމަލަކީ ހަގީގަތް އޮޅުވާލެއްވުމަށް އޮޑިޓަރ ޖެނެރަލް ކުރައްވާފައިވާ އަމަލެއް ކަމަށާއި އެކަމުގައި އެ އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް އޮފް ފައިނޭސް، އައިމިނަތު ރަޝީދާ ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވިގެން އެ މައްސަލަ ވެސް ޕީޖީ އޮފީހަށް ހުށަހަޅާފައިވާނެ ކަމަށް އެސީސީގެ އެ ނޫސް ބަޔާނުގައިވެ އެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ހަރަދުތަކަށް ފައިސާ ދައްކާ ގޮތަށް ހަދައިފައިވާ ވިސާ ކާޑަކާއި އެމެރިކަން އެކްސްޕްރެސް ކާޑުގެ ތެރެއިން ވިސާ ކާޑުން ހަރަދުކޮށް، ފަހުން އެ ކާޑު ކެންސަލްކޮށް ޗިޕްކާޑެއް ހައްދަވާފައިވާއިރު، އެ ކާޑުތައް ބޭނުންކުރައްވައިގެން އަށް ލައްކަ އަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރައްވާފައިވާ ކަމަށާއި އަދި އެ ފައިސާގެ ތެރެއިން އޮޑިޓަރ ޖެނެރަލްގެ އަމިއްލަ ބޭނުމަށް ފަސް ލައްކަ ރުފިޔާ އަށްވުރެ ގިނައިން ހަރަދުކުރައްވާފައިވާ ކަމަށް ވެސް އޭސީސީގެ ބަޔާނުގައިވެ އެވެ.
އޮޑިޓަރ ޖެނަރަލްގެ މުސާރަ އާއި ލިވިން އެލަވަންސާއި މެޑިކަލް އިންޝުއަރެންސްގެ އިތުރުން އެހެނިހެން އިނާޔަތްތަކުގެ ގޮތުގައި މަހަކު އެއް ލައްކަ ރުރިޔާ ކަޑައަޅާފައިވާއިރު، އޮޑިޓަރ ޖެނަރަލްގެ އިންޝުއަރަންސް ޕެކޭޖަކަށް އެ އޮފީހުން ފައިސާ ދައްކައިފައިވާ ކަމަށާއި އެކަން ކުރައްވާފައި ވަނީ އަމިއްލަ ފައިދާއަށް ކަމަށް ބެލެވޭ ކަމަށް ވެސް އޭސީސީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އޮޑިޓަރ ޖެނެރަލްގެ މައްސަލަ އެންޓި ކޮޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާއިރު، އޮޑިޓަރ ޖެނެރަލްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި މާދަމާ ބަހުސްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ނަމަވެސް އޮޑިޓަރ ޖެނެރަލް އިބްރާހިމް ނައީމު މިއަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން، އޮޑިޓަރ ޖެނެރަލްގެ މައްޗަށް ހިޔާނާތުގެ ތުހުމަތުތައްކޮށްފައި ވަނީ، ކޮރަޕްޝަންގެ ތެރެއިން ރާއްޖޭން ބޭރުގައި ބަހައްޓައިފައި ހުރި ރައްޔިތުންގެ ގިނަ އަދަދެއްގެ ފައިސާތަކެއް ރާއްޖެ ގެނައުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އެޅުމަށް ކަމަށެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތަކާ ބެހޭ މައުލޫމާތު ނުސްވެރިންނަށް ދެއްވަމުން އޮޑިޓަރ ޖެނެރަލް މިއަދު ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ކުރެއްވި މަސައްކަތުން، ކޮރަޕްޝަންގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރު ގައުމު ތަކެއްގައި ބަހއްޓަފައިވާކަން އެނގިވަޑައިގަންވައިވާ ކަމަށެވެ. އަދި އެކި މީހުންގެ ނަންނަމުގައި ނަގުދު ފައިސާ ރާއްޖޭން ބޭރުގައި ހުރިކަން އެނގިވަޑައިގެންފައިވާ ކަމަށާއި، އެ ފައިސާތައް ހުރި ގައުމުތަކުން، އދ.ގެ މުއާހަދާއެއްގެ ދަށުން އެ ފައިސާތައް މި އަހަރު ތެރޭގައި ރާއްޖެ ގެންނަވާނެ ކަމަށް ވިދާޅުވެ އެކަމުގެ ތަފްސީލް ވެސް ނައީމް ދެއްވި އެވެ.
ނައީމް އަދި ވިދާޅުވީ ކްރެޑިޓް ކާޑް ބޭނުންކޮށްގެން ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމާއި، ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގެ މައްސަލައިގައި އެދަތުރުފުޅުގެ ބިލަށް އޮޑިޓް އޮފީހުން ފައިސާ ދައްކައިފައި ވަނިކޮށް، އަމިއްލަފުޅަށް މާކުރިން ފައިސާ ދެއްކެވި ކަމަށް ހެއްދެވުމަށް އެ ރަސީދު ކެންސަލް ކުރައްވައި އަލުން ރަސީދު ހެއްދެވި ކަމަށް ބުނާ މައްސަލައިގައި، މާލިއްޔަތު ކޮމިޓީންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން މަސައްކަތް ކުރަމުން ގެންދަނީ އެ ތަންތަނުގައި ތިއްބެވި މެންބަރުންގެ އަމިއްލަ މަސްލަހަތު ހިމެނޭ ގޮތަށް ކަމަށެވެ. އަދި މާލިއްޔަތު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ތެރެއިން ފަސް މެންބަރުންނަކީ އެމަނިކުފާނު ނެރުއްވައިފައިވާ އޮޑިޓް ރިޕޯޓް ސީދާ އަމާޒުވާ މެންބަރުން ކަމަށް ވެސް ވިދާޅުވި އެވެ.
ނައީމް ވިދާޅުވީ، ގާނޫނު އަސާސީ ބުނާގޮތުން، ރައީސުލްޖުމްހޫރިއްޔާ އާއި ދައުލަތުގެ ވަޒީރުންނާއި، މިނިވަން މުއައްސަސާތަކުގެ މެންބަރުން، އެ ބޭފުޅުންނަށް، ލިބިވަޑައިގަންނަވާ އާމްދަނީ އާއި މާލީ ޒިންމާތަކާބެހޭ މައުލޫމާތު ހިމެނޭ ރިޕޯޓެއް ކޮންމެ އަހަރަކު އޮޑިޓަރ ޖެނެރަލަށް ހުށަހަޅަން ޖެހޭ ކަމަށެވެ. ނަމަވެސް މިހާތަނަށް އެއްވެސް ފަރާތަކުން އެ މަޢުލޫމާތު ހުށަހަޅުއްވައިފައި ނުވާތީ އެފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުއްވުމަށް ޝަރީއަތަށް ފޮނުއްވުމަށް ޓަކައި، މިއަދު ޕީޖީ އޮފީހަށް ހުށަހަޅުއްވާނެ ކަމަށް ވެސް ނައީމް ވިދާޅުވި އެވެ. ނަމަވެސް މިހަފްތާ ނިމުމުގެ ކުރިން އެ ރިޕޯޓު ފޮނުއްވާ ފަރާތްތަކުގެ މައްސަލަ އަނބުރާ ނަންގަވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި މިއަހަރުގެ ތެރޭގައި އޮޑިޓް އޮފީހުން 200 ރަށަށް ޒިޔާރަތްކޮށް އެރަށްރަށުގައި ފައިސާގެ ކަންތައް ގޮސްފައިވާގޮތް އޮޅުން ފިލުވާފައިވާ ކަމަށާއި، އެ ރަށްރަށުގެ މާލީ ތަފްސީލްތައް އެނގޭގޮތަށް އެރަށް ރަށާއި ބައެއް މިނިސްޓްރީތަކާއެކު މިއަހަރުގެ މެދުތެރޭގައި 250 އަށްވުރެގިނަ އޮޑިތް ރިޕޯޓް ނެރުއްވާނެ ކަމަށް ވިދާޅުވެ އޮޑިޓް ރިޕޯޓްތައް ނެރުން ލަސްވެފައިވާ މައްސަލައާ ބެހޭ މައުލޫމާތު ވެސް ދެއްވި އެވެ.