ބާސެލޯނާގެ ސްޕެނިޝް ފޯވާޑް ޕެޑްރޯ ރޮޑްރިގޭޒްގެ ހެޓްރިކާއެކު 4-0 އިން ރަޔޯ ވަޔެކާނޯ އަތުން ބާސާ މޮޅުވެއްޖެ އެވެ.

ރޭގެ މޮޅާއެކު މިސީޒަންގައި ބާސާއިން މަހައްޓަމުން އަންނަ 100 ޕަސެންޓް މޮޅުވުމުގެ ސިލްސިލާއާއެކު އެޓީމު އޮތީ 15 ޕޮއިންޓާއެކު ލީގު ތާވަލުގެ އެއްވަނައިގަ އެވެ. ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ދެ ވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތް އިރު ލަނޑުގެ ތަފާތުން ރެއާލް މެޑްރިޑްގެ މައްޗަށް ކުރި ހޯދައިގެން 10 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ވިލަ ރެއާލް އެވެ.

ރޭގެ މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 33 ވަނަ މިނިޓުގައި ބާސާއަށް ކާމިޔާބުކޮށްދިނީ ޕެޑްރޯއެވެ. އަދި ދެވަނަ ހާފްގެ ކުޅުން ފެށިގެން ދެވަނަ މިނިޓްގައި ލަނޑެއް ކާމިޔާބުކޮށް އޭނާ ވަނީ ބާސާއަށް ނަތީޖާ ފުޅާ ކޮށްދީފަ އެވެ. މެޗުގައި ޕެޑްރޯ ހެޓްރިކް ހެދި ލަނޑު އޭނާ ކާމިޔާބުކުރީ 72 ވަނަ މިނިޓުގަ އެވެ. ބާސާގެ ހަތަރުވަނަ ލަނޑު މެޗުގެ 80 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ސެސް ފަބްރިގާސް އެވެ.

ސްޕެނިޝް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ރެއާލް ސޮސެއިޑާޑް އާއި މަލާގާ ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. އަދި އަލްމެއިރާއާ ލެވެންޓޭ ކުޅުނު މެޗުގައި އަލްމެއިރާ ކުރި ހޯދާފައިވަނީކޮށް ލެވެންޓޭއިން ވަނީ ފަހަތުން އަރައި މެޗުގެ ނަތީޖާ 2-2 އިން ހަމަހަމަ ކޮށްފަ އެވެ. އެ މެޗުގެ 53 ވަނަ މިނިޓުގައި އަލްމެއިރާގެ ކްރިސްޓިއަން ފާނަންޑޭޒްއަށް ދެ ރީނދޫ ކާޑު ހަމަވުމުގެ ސަބަބުން ރެފްރީ ވަނީ އޭނާއަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.

ސްޕެނިޝް ލީގުގައި ރޭ ވަލަޑޮލިޑް އަތުން އެތުލެޓިކޯ މެޑްރިޑް މޮޅުވީ 2-0 އިންނެވެ. އެ މެޗުގައި އެތުލެޓިކޯއަށް ލަނޑު ޖަހައިދިނީ 56 ވަނަ މިނިޓުގައި ރައުލް ގާސިއާ އަދި 72 ވަނަ މިނިޓްގައި ޑިއެގޯ ކޮސްޓާ އެވެ.

މިދިޔަ ސީޒަންގެ ލީގް ރަނަރަޕް ރެއާލް މެޑްރިޑް މިރޭ ރާއްޖޭ ގަޑިން 10:00ގައި ނުކުންނާނީ ގަތަފޭއާ ދެކޮޅަށެވެ. ދުނިޔޭގެ ރެކޯޑް ފީއެއް ކަމަށްވާ 85 މިލިއަން ޕައުންޑަށް އެޓީމަށް ޓޮޓެންހަމްއިން ގެނައި ވޭލްސް ފޯވަޑް ގަރެތު ބޭލް އެ މެޗުގައި ފުރަތަމަ ހޯމްގޭމް ކުޅޭނެ އެވެ.