22 Sep 2013, 13:18
ކްރިމިނަލް ކޯޓުން ބަލަމުންދާ މައްސަލަތަކަކާ ގުޅިގެން ފަސް މީހަކު ހޯދަން އިއުލާން ކޮށްފި އެވެ.
ފުލުހުން ބުނީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރަކާ ގުޅިގެން ހޯދަމުން ދަނީ ތަފާތު އެކި މައްސަލަތަކަކާ ގުޅޭ މީހުން ކަމަށެވެ.
އެގޮތުން ފޮޓޯ އާއި މައުލޫމާތު އާންމުކޮށްފައިވާ ފަސް މީހުންނަކީ ދަފްތަރު، އަބުދުﷲ ސައީދާއި، ވ. ފްރެޝްވިއު، ހުސައިން ނާސިހް އާއި މއ. ހަނީސަކްލް، ހުސައިން ޝިފާއު އާއި، ހއ. ދިއްދޫ ޔާގޫތުގެ، އާދަމް ސަލީމްގެ އިތުރުން ސ. ހިތަދޫ އައްޑޫގެ، ހުސައިން އަޒުރަފް އެވެ. އެ މީހުންނަކީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ކްރިމިނަލް ކޯޓުން އަންގާފައިވާ ފަސް މީހުންނެވެ.
ފުލުހުން ބުނީ އަބުދުﷲ ސައީދު ހޯދަމުންދަނީ ޚިޔާނާތުގެ މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި ހުސެއިން ނާސިހު ހޯދަމުންދަނީ ރާއްޖެ އަށް ބަނގުރާ އެތެރެކޮށް ގެންގުޅުނު މައްސަލައާ ގުޅިގެން ކަމަށެވެ. އެ ދެ މީހުން ވެސް މާދަމާ ހެނދުނު 9:00 ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންނަށް ވަނީ އަންގާފަ އެވެ.
އެ ދެ މީހުންގެ އިތުރުން މިމަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 10:00 ކޯޓަށް ހާޒިރުކޮށްދިނުމަށް އަންގާފައިވާ ދެ މީހުންނަކީ ކޯޓުން ފޮނުވި ޗިޓާ ހަވާލުވުމަށް ފަހު ކޯޓަށް ހާޒިރުވެފައި ނުވާތީ ހޯދަމުން އަންނަ ހުސެއިން ޝިފާއު އެވެ. އަދި ހަމަ އެދުވަހު ކޯޓަށް ހާޒިރު ކުރުމަށް އަންގާފައިވަ މީހަކީ އާދަމް ސަލީމް އެވެ.
ނަމަވެސް އެދެމީހުން ކޯޓަށް ހާޒިރު ކުރަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ނޭނގެ އެވެ.
އެ ހަތަރު މީހުންގެ އިތުރުން ހޯދަން އިއުލާން ކޮށްފައިވާ ހުސައިން އަޒުރަފަކީ ފުލުހަކަށް ހަމަލަދީ ފުލުހުންގެ ދައުރަށް ހުރަސް އެޅި މައްސަލައަކާ ގުޅިގެން އައްޑޫ، ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވުމަށް ފޮނުވި ޗިޓާ ހަވާލުވުމަށް ފަހު ކޯޓަށް ހާޒިރުވެފައިނު ވާތީ ހޯދަމުން އަންނަ މީހެކެވެ. އޭނާ ކޯޓާށް ހާޒިރު ކުރުމަށް އަންގާފައި ވަނީ މިމަހުގެ 24 ވަނަ ދުވަހުގެ 11:00 އަށެވެ.