22 Sep 2013, 13:09
ގާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހުގައި އުފައްދާފައިވާ ހަމައެކަނި ކޮމެޓީ، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ)އަށް ކުކުޅު ބިސް ޖަހައިފި އެވެ.
http://www.sun.mv/albums/l_20256.jpg
އަހަރު ދުވަސް ވަންދެން މަސައްކަތް ހުއްޓިފައި އޮތް 241 ކޮމެޓީ އަށް މުގައްރިރަކު ހޮވުމަށް މިއަދު ބޭއްވި ބައްދަލުވުމަށް ބިސް ޖަހާފައި ވަނީ، ކޮމެޓީގެ މަސައްކަތް ހުއްޓުވުމަށެވެ. އެކަން ކުރި ކަމަށް ވަނީ އެމްޑީޕީއާ އިދިކޮޅު މެންބަރުންނެވެ. ނަމަވެސް ބިސް ޖެހީ ކޮން މެންބަރެއް ކަމެއް ނޭނގެ އެވެ.
ކޮމެޓީ ހުއްޓުވުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ބައެއް މެންބަރުން ވަނީ ދުންމާރި އާއި ކަށިގަނޑު ފުމެފަ އެވެ. އަދި އަދާލަތު ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ ފަރެސްމާތޮޑާދާއިރާގެ މެންބަރު އިބްރާޙިމް މުއްތަލިބު ވެސް ވަނީ ކޮމެޓީ ހުއްޓުމަށް ކަށިގަނޑު ފުމެފަ އެވެ.
http://www.sun.mv/albums/l_20257.jpg
ހާޖާނު ބޮޑުވެގެން ކޮމެޓީ ހުއްޓާލީ، ކޮމެޓީ ބާއްވާނެ މާހައުލެއް ނެތުމުންނެވެ. އިދާރީ މުވައްޒަފުންނަށް ހުރަސްއަޅައި، ކޮމެޓީގެ މަސައްކަތް ކުރިއަށް ނުގެންދެވޭ ވަރަށް މައިނޯރިޓީން މެންބަރުން މަސައްކަތް ކުރި ކަމަށް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވި އެވެ.
ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ އަށް މުގައްރިރަކު ހޮވަށް މިއަދު ބައްދަލުވުމެއް ބޭއްވި އިރު، އެ ކޮމެޓީގެ މުގައްރިރަކަށް ކުރިން ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމެވެ. މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީތައް ތަމްސީލުވާ ގޮތަށް ހިމެނޭ 13 މެންބަރުންގެ ކޮމެޓީގެ މެޖޯރިޓީ ދެން ލިބޭނީ އެންޑީޕީ އަށެވެ. އެއީ ޑީއާރްޕީގެ މަޖިލިސް މެންބަރުން އެމްޑީޕީ އަށް ބައިޔަތު ހިފުމުންނެވެ.