22 Sep 2013, 12:58
އިނގިރޭސި ލީގުގައި ރޭ އަމިއްލަ ދަނޑުގައި ސައުތެމްޕްޓަން އަތުން 1-0 އިން ބަލިވެ ލިވަޕޫ މިސީޒަންގައި މެޗަކުން ބަލިނުވެ ދަމަހައްޓަމުން އައި ސިލްސިލާ ނިމުމަކަށް އަތުވެއްޖެ އެވެ.
ލީގު މެޗެއްގައި އެންމެ ފަހުން ލިވަޕޫލް ބަލިވެފައިވަނީ ވެސް މިދިޔަ ސީޒަންގައި 3-1 އިން ސައުތުހެމްޓަން އަތުންނެވެ. ރޭގެ މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު ސައުތެމްޕްޓަން އަށް ކާމިޔާބުކޮށްދިނީ ޑިޖާން ލޮވްރެން އެވެ.
ރޭގެ މެޗުގައި ލިވަޕޫލަށް ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާއިރު އެޓީމްގެ ކޯޗު ބްރެންޑަން ރޮޖާސް ބުނީ، ރޭގެ މެޗުގައި އެޓީމުގެ ފަރާތުން ފެނިގެން ދިޔައީ ދަށް ކުޅުމެއް ކަމަށާއި ޓީމުގައި ރަނގަޅުކުރަންޖެހޭ ބައިވަރު ކަންތައްތައް އެބަ ހުރި ކަމަށެވެ.
"އަހަރެމެންގެ ކުޅުން އެހާ ރަނގަޅެއް ނޫން. ޓެކްނިކަލީ އެހާރަނގަޅު ކުޅުމެއް ދެއްކިފައި ނުވާއިރު ރޭގެ މެޗުގައި ޓީމުގެ ގޯލަށް ވަދެފައިވަނީ ވަރަށް އާދައިގެ ލަނޑެއް. މިއީ އަހަރެމެން މިސީޒަންގައި އެންމެ ދަށްކޮށް ފެނިގެންދިޔަ މެޗު،" ރޮޖާސް ބުންޏެވެ. "އަހަރެމެން އެބަޖެހޭ މނިކަންތައް ރަނގަޅުކޮށް ޓެކްނިކަލީ ކުރިން އޮތް ހާލަތަށް އެނބުރި ރުޖޫއަވާން."
ރޭގެ މެޗުން ލިވަޕޫލް ބަލިވެފައިވީ ނަމަވެސް 10 މެޗުގެ ސަސްޕެންޝަނަކަށްފަހު އެޓީމުގެ އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒްއަށް ކުރިއަށް ހުރި މެޗުތަކުގައި ކުޅުމުގެ ފުރުސަތު ލިބުގެން ދިއުމަކީ އެޓީމަށް ލިބިގެންދާނޭ އިތުރު ހިތްވަރެކެވެ.
ސައުތެމްޕްޓަންގެ ކޯޗު މައުރީސިއޯ ޕޮކެޓީނޯ ބުނީ ލީގުގެ ކުރީގައި އޮތް ޓީމާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކައި އެޓީމް ބަލި ކުރެވުމުން ވަރަށްބޮޑު ހިތްހަމަ ޖެހުމެއް ލިބިއްޖެ ކަމަށެވެ.
"އަހަރެމެން ވަރަށް ބޮޑަށް އުފާވެއްޖެ ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔަ ހިތްވަރުގެ ސަބަބުން. އަހަރެމެން މިވަނީ ލީގުގެ އެންމެ ކުރީގައި އޮތް ޓީމް ބަލިކޮށްފައި،" ސައުތެމްޕްޓަން ކޯޗު ބުންޏެވެ. "ޖުމުލަކޮށް ބުނާނަމަ މުޅި މެޗުގައިވެސް ފެނިގެންދިޔައީ ވަރަށް ރަނގަޅު ކުޅުމެއް. އަދި ހާއްސަކޮށް ފަހު ހާފުގައި."
ރޭގެ މެޗުން މޮޅުވެ އަށް ޕޮއިންޓާއެކު ސައުތެމްޕްޓަން ތާވަލުގެ ހަވަނައިގައި އޮތް އިރު އެ މެޗުން ބަލިވުމުން 10 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލް ވަނީ ތާވަލްގެ ދެވަނައަށް ވެއްޓިފަ އެވެ. ލިވަޕޫލާ އެއްވަރަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ކުރިހޯދައިގެން ތާވަލުގެ ކުރީގައި އޮތީ ޗެލްސީ އެވެ.