22 Sep 2013, 11:59
އިލެކްޝަންސް ކޮމިޝަނުން ގާއިމުކުރި ބީޕީއާރްއެސް ސިސްޓަމް މެދުވެރިކޮށް ވޯޓުލީ މީހުންނާއި ވޯޓުނުލައި ތިބި މީހުންގެ މައުލޫމާތު ވަގުތުން ވަގުތަށް ސިޔާސީ ޕާޓީއަކަށް ފޯރުކޮށްދީފައިވާ ކަމަށް ޕީޕީއެމްގެ ކުރީގެ ނާއިބް ރައީސް އުމަރު ނަސީރު ތުހުމަތު ކުރައްވައިފި އެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ މި މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ކުރިއަށް ދިޔަ އިރު ވޯޓުލީ މީހުންގެ މައުލޫމާތާއި ވޯޓު ނުލާ މީހުންގެ މައުލޫމާތު ވަކި ކެންޑިޑޭޓެއްގެ ކެމްޕޭން އޮފީހަށް ފޯރުކޮށްދީފައިވާ ކަމަށާއި "ތިމަންނާ އަށް ލިބުނީ 95،000 ވޯޓުކަމަށް" އެ ކެންޑިޑޭޓް މިއަދު ވިދާޅުވަމުން އަންނަ ކަމަށެވެ.
"ވޯޓު ނުލާ މީހުން ދެނެގަނެ ވަކި ކެންޑިޑޭޓެއްގެ ކެމްޕޭން އޮފީހަށް މި އަންގައިދެނީ މިހާރު މިވެނި ގެއަކުން ވޯޓުލާން އައީ މިވެނި ބައެކޭ. މިވެނި ގެއެއްގައި މިވެނި ބަޔަކު އަދި ވޯޓެއް ނުލައޭ، އިނގޭތޯ. މިއީ މި ސިސްޓަމުން ކޮށްދިން ކަމަކީ. ވަކި ކެންޑިޑޭޓަކަށް ފައިދާވާ ގޮތަށް ކަންތައް މި ކޮށްދިނީ. އެ ކެންޑިޑޭޓް މިއަދު ނުކުމެ އެބަ ބުނޭ ތިމަންނަ އަށް ލިބުނޭ 95،000 ވޯޓު، އިނގޭތޯ. އެއީ ހަގީގަތުގައި މި ބީޕީއާރްއެސް ސިސްޓަމް މި ކޮށްދިން ކަމަކީ،" އުމަރު ވިދާޅުވި އެވެ.
ރޭގެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ގާސިމް އިބްރާހީމްގެ ރަނިންމޭޓް ޑރ. ހަސަން ސައީދު ވިދާޅުވީ އިންތިޚާބުގައި ވޯޓުލުން ކުރިއަށް ދަނިކޮށް ރާއްޖޭގެ ރަށެއްގައި ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްވާ ހަރުގެއެއްގެ ތެރޭގައި ސިސްޓަމެއް މެދުވެރިކޮށް ވޯޓުލީ މީހުންގެ މައުލޫމާތާއި ވޯޓު ނުލައި ތިބި މީހުންގެ މައުލޫމާތު ބަލާފައިވާ ކަމަށް ހެކިބަސްދޭނެ މީހަކު އެބަހުރި ކަމަށެވެ.
ހަސަން ވިދާޅުވީ ސިސްޓަމުން އެ މައުލޫމާތު ހޯދުމަށް ފަހު ޓާސްކް ފޯހެއް ހަދައި ބަޔަކު އެ ރަށުގެ އެކި ގެތަކަށް ގޮސްފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ހަމަ ޔަގީނުން ވެސް އެބަ ހުރި އެއްބޭފުޅެއްގެ ހެކިބަސް ލިބިފައި. ރާއްޖޭގެ ވަކި ރަށެއްގެ ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްވާ ހަރުގޭގެ ތެރޭގައި ސިސްޓަމެއް މެދުވެރިކޮށް ބެއްލެވިއޭ އެރަށެއްގެ އޭރު ވޯޓު ނުދީ ތިބީ ކޮންބައެއްތޯ. ގާތްގަނޑަކަށް 3 ޖަހާ އެހާކަންހާއިރު ބައްލަވާފައި ގޭގެ އަށް ވަކި ޓާސްކް ފޯސްއަކަށް ބޭފުޅުން ވަޑައިގެންނެވި ވާހަކަ. އެކަމަށް ހެކިބަސް ދޭނެ ހެކިވެރިޔާ އަޅުގަނޑުމެންނަށް ލިބިފައި އެބަހުރި،" ޑރ. ހަސަން ވިދާޅުވި އެވެ.
ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އެކަން ދޮގު ކުރެ އެވެ. އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު
ސަން އަށް ވިދާޅުވީ އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށާއި އެއްވެސް ސިޔާސީ ޕާޓީއަކަށް އެ ސިސްޓަމު މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދީފައި ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ސިސްޓަމުން އެއްވެސް މީހެއްގެ އައިޑެންޓިޓީ ނޭނގޭނެ ކަމަށާއި ހަމައެކަނި އެނގޭނީ ވޯޓުލީ މީހުންނާއި ނުލާ މީހުންގެ އަދަދު އެކަނި ކަމަށެވެ.
ވޯޓު އޮޅުވާލިކަމަށް ޖުމްހޫރީ ގުޅުމުން ދައްކަމުންގެންދާ ވާހަކަ ތަކުރާރު ކުރައްވައި އުމަރު ވިދާޅުވީ ވޯޓުގެ ކަންތައް ދިރާސާ ކުރި އިރު ވަރަށް ބޮޑު އަޅުވާލުންތަކެއް ފެނިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މާ ކުރީ ޒަމާނުގައި މަރުވެފައި އޮތް 660 މީހަކު ލިސްޓުގައި ހިމަނާފައިވާ އިރު ތަކުރާރުކޮށް 102 މީހެއްގެ ނަން ވެސް ލިސްޓްގައި ހިމަނާފައިވާ ކަމަށެވެ. އަދި ވިދާޅުވީ 21،175 މީހުން ވޯޓުލާ ރަށް ބަދަލުކޮށްފައިވާ އިރު 24،152 މީހުންނަށް ނޭނގި އެ މީހުންގެ ވޯޓުފޮށި ބަދަލުކޮށްފައިވާ ކަމަށެވެ.