މިއަދު ކުރިއަށާ ގެންދާ މަޖިލީހުގެ ހާއްސަ ޖަލްސާ މެދުކަނޑާލާފައި ވަނިކޮށް މަޖިލީހުގެ ރައީސްގެ މޭޒުގެ މައިކުގެ ކޭބަލް ބުރި ކޮށްލައިފި އެވެ.

"ސަން" އިން ކުރި އެސްއެމްސް އަކަށް ޖަވާބު ދެއްވައި ޝާހިދު ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގެ މޭޒުގެ މައިކުގެ ކޭބަލް ބުރި ކޮށްލާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެކަން ކުރެއްވި މެންބަރެއް ޝާހިދު ވިދާޅެއް ނުވެ އެވެ.

މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މާއްދާގެ ރ.ގެ ދަށުން މިއަދު ކުރިއަށް ގެންދާ ޖަލްސާ އަކީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ 29 މެންބަރަކު ސޮއި ކުރައްވައި މަޖިލީހުގެ ރައީސް އަށް ސިޓީ އަކުން އެދިވަޑައިގަތުމުން ބާއްވާ ޖަލްސާއެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މާއްދާގެ (ރ)ގައި ބުނެފައި ވަނީ މަޖިލީހުގެ ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވަން މަޖިލީހުގެ ތިން ބައި ކުޅަ އެއްބައި މެންބަރުން ސޮއި ބޭނުންވެ އެވެ. މަޖިލީހުގެ ތިންބައި ކުޅަ އެއްބައި މެންބަރުންނަކީ 26 މެންބަރުނެވެ. އެ މެންބަރުން ސަބަބު ބަޔާންކޮށް މަޖިލީހުގެ ރައީސަށް ހުށަހެޅުމުން 14 ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަން ޖެހޭނެ ކަމަށާއި 14 ދުވަސް ވެސް ގުނާނީ ބަންދު ދުވަސް ހިމަނައިގެން ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވެ އެވެ.

މިއަދުގެ ޖަލްސާ ފެށިގެން ކުރިއަށް ދިޔައިރު މަޖިލީހުގެ ތަޅުމުގައި ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވަނީ ކަށިގަޑު ފުމެ އަޑުގަދަ ކުރައްވާފަ އެވެ. އަދި ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވަނީ ވުވެޒަލާއެއް މެދުވެރިކޮށް ފުމެ އަޑު ގޮއްވައިފަ އެވެ.

މަޖިލީހުގެ ޖަލްސާ ތެރޭގައި އެމްޑީޕީ އާއި ޕީޕީއެމްގެ މެންބަރުން ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައި ވެސްވެ އެވެ. އެގޮތުން އެމްޑީޕީގެ މެންބަރުންނަށް ނިސްބަތްކޮށް "ވޯޓް ވަގު" ކިޔައި އަޑުގަދަކޮށްފައިވެ އެވެ. އަދި ބައެއް މެންބަރުން އެއް މެންބަރަކު އަނެއް މެންބަރަކު މަސަލަސް ކުރުމަށް ވެސް މަސައްކަތް ކުރިތަން ފެނުނެވެ.

މަޖިލީހުގެ ޖަލްސާ މެދުކަނޑާލި އިރު ވާހަކަ ދައްކަވަމުން ގެންދެވީ މާފަންނު ހުޅުނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް އެވެ. އޭނާ ވާހަކަ ދައްކަވަމުން ގެންދެވި ގަޑީގައި އޭނާގެ މައިކް ކައިރީ ޕީޕީއެމް އަށް ނިސްބަތްވާ މެންބަރުންނާއި އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުން އަޑުގަދަ ކުރައްވާފައިވެ އެވެ. އަދި ބައެއް މެންބަރުން މަޖިލީހުގެ ރިޔާސަތަށް ހުރަސް އަޅުއްވައި އިދާރީ މުވަޒިފުންނާ ދިމާ އަށް ދިޔަތަން ވެސް ފެނިގެން ދިޔަ އެވެ. އަދި ގިނަ އަދަދަކަށް ނިޒާމީ ނުކުތާތައް ނަންގަވަމުން ގެންދަވާފައިވެ އެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ޖަލްސާ މެދުކަނޑުއްވާލައްވަމުން ވިދާޅުވީ ދެން މަޖިލީހުގެ ޖަލްސާ ފަށާނީ ޕާލިމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންނާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ. އެހެންނަމަވެސް މެންދުރު 12 ޖަހަން ގާތްވި އިރު ވެސް މަޖިލީސް ފައްޓާފައެއް ނުވެ އެވެ.