އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ 2-0 އިން ފުލަމް ބަލިކޮށް ޗެލްސީ ލީގު ތާވަލްގެ ކުރި ހޯދައިފިއެވެ.

ޗެލްސީއަށް 10 ޕޮއިންޓާއެކު ތާވަލުގެ ކުރި ލިބެނީ ޕޮއިންޓުގެ ގޮތުން ލިވަޕޫލްއާ ހަމަހަމަވެ ފައިދާ ލަނޑުގެ ތަފާތުން ނެވެ. އެހެން ނަމަވެސް މިރޭ ލީގުގައި ކުޅެން ހަމަޖެހިފައިވާ މެޗުތަކުގައި ވާދަކުރާ އާސެނަލް، ޓޮޓެންހަމް، މެންޗެސްޓާ ޔުނައިޓެޑް އަދި މެންޗެސްޓާ ސިޓީ މިއިން ކޮންމެ ޓީމަކަށްވެސް ތާވަލުގެ ކުރިއަށް އެރުމުގެ ފުރުސަތު އެބަ އޮތެވެ.

ޗެލްސީ މިސީޒަންގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗަށް ބަލާއިރު ލީގުގައި ލަނޑެއް ނުޖެހި ޔުނައިޓެޑާ އެއްވަރު ވެފައިވާއިރު ޔޫރަޕިއަން ސުޕަ ކަޕްގައި ބަޔާން މިޔުނިކްއަތުން ޕެނަލްޓީ ޖަހައިގެން ވަނީ ބަލިވެފަ އެވެ. އަދި އަދި އޭގެ ފަހުން ލީގުގައި ކުޅުނު މެޗުން އެވަޓަން އަތުން 1-0 އިން ބަލިވެ، ޗެމްޕިއަންސް ލީގުގައި އެފްސީ ބާސެލް އަތުން 2-1 އިން ބަލިވެފައި ވާއިރު، މިއީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ޗެލްސީއަށް ސީޒަންގެ ފެށުން މިހާ ހީނަރުކޮށް ދިޔަ ފުރަތަމަ ފަހަރެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެޓީމަށް ކުރި ހޯދައިދިނީ މެޗުގެ 52 ވަނަ މިނިޓުގައި އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު އޮސްކާއެވެ. އަދި ދެވަނަ ލަނޑު 84 ވަނަ މިނިޓުގައި ޖޯން އޮބީ މިކޭލް އެވެ. މިކޭލްގެ މި ލަނޑަކީ އޭނާ ޗެލްސީއަށް ކުޅުނު 185 ލީގު މެޗުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

މެޗާ ބެހޭގޮތުން ފުލަމްގެ ކޯޗު މާޓިން ޖޮލް ބުނީ، މެޗުގެ ފުރަތަމަ 50 މިނިޓުގައި އޭނާގެ ޓީމުން ރަނގަޅަށް ކުޅުނު ކަމަށާއި އެހެން ނަމަވެސް އޭގެ ފަހުން ޗެލްސީގެ ކުޅުން ވަރުގަދަކޮށް ނަތީޖާ އަނބުރައިލީ ކަމަށެވެ.

"ފުރަތަމަ 50 ވަރަކަށް މިނިޓުގައި އެމީހުން ކުޅުނީ ހާސްކަމުގެ ތެރޭގައި. އެމީހުންނަށް ރަނގަޅު ކުޅުމެއް ނުދެއްކޭ. އެވަގުތު އޭގެ ފައިދާ ނުނެގުމުން އަހަރެމެންނަށް ލަނޑު ލިބުނީ،" ފުލަމް ކޯޗު ބުންޏެވެ. "ދެވަނަ ހާފްގައި އެމީހުން ގިއަރެއް މައްޗަށް ޖައްސައި، ކުޅުންގަނޑު ވަރުގަދަ ކުރި."

ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ، ޓީމެއް މޮޅުނުވެ ދާކަމަށް ވަންޏާ މީހުން އެވާހަކަ ދައްކާނެ ކަމަށާއި އެހެން ނަމަވެސް އެއީ އަދި ނިމުން ނޫން ކަމަށެވެ.

"މެޗު ތަކުން މޮޅުނުވެ ދާން ފެށުމުން މީހުން އަހަރެން ކައިރީ ކިޔަންފެށި، މިއީ ވޭތުވެ ދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ވެސް ޗެލްސީ އެންމެ ދަށްކޮށް ނަތީޖާ ނެރެމުންދާ ފަހަރޭ. އެކަމަކު މިރޭ އަހަރެން ނިދަން އޮށޯންނަމުން ލީގު ތާވަލަށް ބަލައިލާއިރު އަހަރެމެންނަށް ވުރެ ކުރީގައި އެއްވެސް ބަޔަކު ތިއްބައެއް ނުފެނޭ،" ޗެލްސީގެ ކޯޗު ބުންޏެވެ.

މޮރީނިއޯ ބުނީ، މިއީ އޭނާގެ ކޯޗިން ކެރިއަރުގައިވެސް ޓީމެއް ބިނާ ކުރަން އެންމެ ބުރަކޮށް މަސައްކަތް ކުރަމުން ގެންދާ ފަހަރު ކަމަށާއި އެހެން ކަމުން އޭނާއަށް އެ މަސައްކަތް ކުރުމަށް އަދި ދުވަސްކޮޅެއް ބޭނުންވާ ކަމަށެވެ.