22 Sep 2013, 11:27
ނ. މާފަރުގައި ޑޮމެސްޓިކް އެއާޕޯޓަކާއި ރިސޯޓެއް ތަރައްގީކުރާނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން އަލުން އިއުލާންކޮށްފި އެވެ.
އެ މިނިސްޓްރީން ބުދަ ދުވަހު ނެރުނު އިއުލާނެއްގައި ވަނީ އެ ރަށުގައި ޑޮމެސްޓިކް އެއާޕޯޓަކާއި ކަނޑައަޅާ ވަކި ރަށެއްގައި ރިސޯޓެއް ތަރައްގީކުރަން ޝައުގުވެރިވާ ރާއްޖެ އާއި ބޭރުގެ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ. އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 30 ވަނަ ދުވަހު މައުލޫމާތު ދިނުމަށް ބައްދަލުވުމެއް ބާއްވަން ހަމަޖައްސާފައިވާ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
މާފަރުގައި އެއާޕޯޓެއް ހެދުމަށް މިއަހަރުގެ ކުރީކޮޅު ހުޅުވާލުމުން އެކަމަށް ދެ ފަރާތަކުން ކުރިމަތިލި އެވެ. ނަމަވެސް ކުވޭތުގެ އިންޓަނޭޝަނަލް ހޮލްޑިން އާއި ރާއްޖޭގެ އައި އެންޑް ޓީ މެނޭޖްމަންޓުން އެކަމަށް ހުށަހެޅި ޕްރޮޕޯސަލް ވެސް ވަނީ އަނބުރާ ގެންގޮސްފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައި ވަނީ މާފަރު އެއާޕޯޓް ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ އިރު ކުންފުނީގެ މައުލޫމާތާއި ކުންފުނީގެ އިސްވެރިންގެ މައުލޫމާތުގެ އިތުރުން ފާއިތުވި ތިން އަހަރުގެ އޮޑިޓް ރިޕޯޓެއް ހުށަހަޅަން ޖެހޭ ކަމަށް ބުނެފައިވެ އެވެ.
އެ މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައި ވަނީ އެ ރަށުގައި އެއާޕޯޓް ހަދަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ދިހަ ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އެ ރަށުގައި އެއާޕޯޓެއް ތަރައްގީކޮށް ހިންގުމަށް 2008ގައި ނޫނު ހޮޓެލްސްއާ އެކު ހެދި އެއްބަސްވުން އުވާލައި އެއާޕޯޓެއް ތަރައްގީކޮށް ހިންގުމުގެ ފުރުސަތު ހުޅުވާލީ މިއަހަރުގެ ފެބްރުއަރީ 4 ގަ އެވެ. އެގޮތަށް ނިންމީ އެއާޕޯޓް އެޅުން ލަސްވެގެންނާއި އަސާސީ ހިދުމަތްތައް ނުލިބޭ ކަމަށް ބުނެ ރަށު ރައްޔިތުން މުޒާހަރާކޮށް، ސަރުކާރަށް ޕްރެޝަރުކޮށްފައި ވަނިކޮށެވެ. އެ މުޒާހަރާއާ ގުޅިގެން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް ވަގުތީ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި މުހައްމަދު ނާޒިމް ހާޒިރުކޮށް ސުވާލު ވެސް ކޮށްފައިވެ އެވެ.
ނޫނު ހޮޓެލްސް އަށް މާފަރު އެއާޕޯޓް ތަރައްގީކުރަން ކުރިން ހަވާލުކުރީ އޭގެ ބަދަލުގައި ރިސޯޓެއް ހަދަން ރަށެއް ދީގެންނެވެ. އެ ރަށުގެ އެޑްވާންސް ކުއްޔަށް ހަތް މިލިއަން ޑޮލަރު ވެސް ވަނީ ދައްކާފައިވާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.