ނައިރޫބީ (ސެޕްޓެމްބަރ 22): ހަތިޔާރު ހިފައިގެން ތިބި ބަޔަކު ކެންޔާގެ ވެރިރަށް ނައިރޫބީގެ ވިޔަފާރި މަރުކަޒަށް އިއްޔެ ދިން ބަޑީގެ ޙަމަލާތަކުގައި 39 މީހުން މަރުވެ 150 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އެގައުމުގެ ރައީސް އޮހޯރޯ ކެންޔާޓާ ވިދާޅުވެއްޖެ އެވެ.

މި ޙަމަލާތަކާ ގުޅިގެން ގައުމާ މުޚާތަބުކުރައްވައި ދެއްވި ޚިތާބެއްގައި ކެންޔާތާ ވިދާޅުވީ މިއީ ޓެރަރިސްޓް ޙަމަލާތަކެއް ކަމަށާ ޙަމަލާތައް ދިން ޓެރަރިސްޓުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމުގަ އެވެ. އަދި ޙަމަލާދިން މީހުން ހޯދުމަށް ފަހު އެމީހުން އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރާނެ ކަމަށް ވެސް ކެންޔާޓާ ވިދާޅުވި އެވެ. ނައިރޯބީގައި ހުންނަ މަޝްހޫރު "ވެސްޓްގޭޓް" ވިޔަފާރި މަރުކަޒަކީ ކެންޔާގެ މުއްސަނދިންނާއި އެގައުމުގައި އުޅޭ ޑިޕްލޮމޭޓުން ފަދަ ބޭރު މީހުންނާއި ޓޫރިސްޓުން ވިޔަފާރިކުރާ އެންމެ ބޮޑު މަރުކަޒެވެ.

އެމަރުކަޒަށް އިއްޔެ ދިން ޙަމަލާތަކުގެ ޒިންމާ އުފުލާފައި ވަނީ އަވަށްޓެރި ސޮމާލިޔާގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ "އައްޝަބާބް މޫމެންޓް"ނެނެވެ. މިއީ އަލްގާއިދާއާ ގުޅުން އޮންނަ ހަނގުރާމަވެރި ޖަމާއަތެކެވެ. ތިރީސް އަހަރުގެ ދިގުލީ ދާޚިލީ ހަނގުރާމައެއްގައި ވީރާނާވެފައިވާ ސޮމާލިޔާގެ ސަރުކާރަށް އެހީތެރިވުމަށާއި ސުލްޙަ ގާއިމް ކުރުމަށް އެފްރިކާގެ އިއްތިޙާދުން އެގައުމަށް ފޮނުވާފައިވާ ޢަސްކަރީ ބާރުތަކުގެ ތެރޭގައި ކެންޔާ ސިފައިންގެ ހަތަރު ހާސް މީހުން ހިމެނެ އެވެ.
އެފްރިކާގެ މިބާރުތަކުން ސޮމާލިޔާގެ އައްޝަބާބް މޫމެންޓާ ދެކޮޅަށް ހަނގުރާމަކުރަމުން ގެންދެ އެވެ. ކެންޔާގެ "ވެސްޓްގޭޓް" ވިޔަފާރި މަރުކަޒަށް ދިން ޙަމަލާތަކުގެ ޒިންމާ އުފުލަމުން އައްޝަބާބް މޫމެންޓުން ބުނީ "މިއީ ކެންޔާގެ ސިފައިން ސޮމާލިޔާއަށް އަރައި ހިންގަމުން ގެންދާ ޖަރީމާތަކާ ދެކޮޅަށް ހިންގި ބަދަލުހިފުމުގެ ޢަމަލެއް" ކަމުގަ އެވެ. ކެންޔާ ސިފައިން ސޮމާލިޔާ އިން ނުފައިބާ ނަމަ މުސްތަގްބަލްގައި ވެސް ކެންޔާގެ އަމާޒުތަކަށް މިފަދަ ޙަމަލާތައް ދޭނެކަމުގެ އިންޒާރު އައްޝަބާބް މޫމެނެޓުން ދީފައިވެ އެވެ.

ކެންޔާގެ ސަލާމަތީ ބާރުތައް ބުނާގޮތުން "ވެސްޓްގޭޓް" އަށް ހަމަލާދިން ހަނގުރާމަވެރިން ކެންޔާ އަށް ވަދެފައި ވަނީ އަވަށްޓެރި ސޮމާލިޔާގެ ސަރަހައްދީ ރޮނގު ހުރަސްކޮށެވެ. އަދި ޓެރަރިސްޓް ޙަމަލާތައް ދިނުމުގައި އިސްކޮށް ހަރަކާތްތެރިވީ އަންހެނެއް ކަމަށާ އެއީ ޙަމަލާދިން ގްރޫޕުގެ ކޮމާންޑަރެއް ކަމަށް ބެލެވޭ ކަމަށް ވެސް ކެންޔާގެ ސަލާމަތީ ބާރުތަކުގެ އިސްމަސްއޫލުވެރިއަކު ވިދާޅުވި އެވެ.

ކެންޔާގެ ރައީސް ގައުމާ މުޚާތަބު ކުރައްވައި ދެއްވި ޚިތާބުގައި "ވެސްޓްގޭޓް" އަށް ދިން ހަމަލާތަކުގައި އޭނާގެ ޢާއިލާގެ ބައެއް މެންބަރުން ވެސް މަރުވި ކަމަށް ވިދާޅުވި އެވެ. ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ވަނީ ކެންޔާއަށް ދިން މިޙަމަލާތައް ކުށްވެރިކޮށްފަ އެވެ. މިޙަމަލާތައް ކުށްވެރިކުރި ގައުމުތަކުގެ ތެރޭގައި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތާ އަދި އެމެރިކާ ހިމެނެ އެވެ. ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން ވަނީ އެޙަމަލާތަކުގައި މަރުވި މީހުންގެތެރޭގައި އެދެގައުމުގެ ރައްޔިތުން ވެސް ހިމެނޭކަން ކަށަވަރުކޮށްދީފަ އެވެ. އެމެރިކާ ވެސް ބުނެފައި ވަނީ ޒަޚަމްވި މީހުންގެ ތެރޭގައި އެގައުމުގެ ރައްޔިތުން ހިމެނޭކަމުގަ އެވެ.

މިއީ ނައިރޫބީގައި ހުންނަ އެމެރިކާ އެންބަސީ ގޮއްވާލުމަށް 1998ގައި ދިން ޙަމަލާތަކަށް ފަހު އެގައުމަށް ދިން އެންމެވަރުގަދަ ޙަމަލާ އެވެ. (ރޮއިޓާސް)