23 Nov 2010, 10:37
"ސަނީސައިޑް އޮފް ލައިފް"ގެ ޝިއާރު ބަދަލުކޮށް ރާއްޖޭގެ ޓޫރިޒަމް ރި ބްރޭންޑް ކުރާގޮތަށް ޓޫރިޒަމް މިނިސްޓްރީން ނިންމަވައިފި އެވެ.
މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ ޑެޕިއުޓީ ޑިރެކްޓާ މުހަންމަދު އަދުނާން މިއަދު ސަން އޮންލައިނަށް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް މިހާރު އިޝްތިހާރު ކުރަމުން އަންނަ ގޮތްތައް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ ބަދަލުތައް މިއަންނަ އަހަރުގެ ކުރީކޮޅު ފެނިގެން ދާނެ ކަމަށެވެ.
"ރާއްޖޭގެ ޓޫރިޒަމް ރި ބްރޭންޑް ކުރުމުގެ މަސައްކަތް މިދަނީ ކުރިއަށް. އެ ގޮތުން މިހާރު ބޭނުން ކުރާ ސުލޯގަން ވެސް ބަދަލުވާނެ އަދި އިޝްތިހާރު ކުރުމުގެ ގޮތްތައް ވެސް ބަދަލުވާނެ. މިއަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި މި ބަދަލުތައް ފެނިގެން ދާނެ،" އަދުނާން ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ނައިބު ތޮއްޔިބު މުހަންމަދު ވަރަށް ފަހުން އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރު ފުޅެއްގައި ބައިނަލްއަގްވާމީ މީޑިއާތަކުގައި ވާހަކަފުޅު ދައްކަވަމުން ވެސް ވިދާޅުވެފައި ވަނީ ރާއްޖޭގެ ޓޫރިޒަމް ރި ބްރޭންޑް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ރާއްޖޭގެ ޓޫރިޒަމް ރި ބްރޭންޑް ކުރަނީ ބޭރުގެ ކުންފުންޏެއްގެ ބެލުމުގެ ދަށުން ކަމަށް މޯލްޑިވްސް ޓޫރިޒަމް ޕުރޮމޯޝަން ބޯޑުން މިއަދު ބުންޏެވެ. ނަމަވެސް އެ މަސައްކަތް ހަވާލު ކުރުމަށް ކަނޑައަޅާފައިވާ ފަރާތެއް އަދި އަގެއް އެ ބޯޑަކުން ނުބުންޏެވެ.