ބަޣްދާދު (ސެޕްޓެމްބަރ 22): ޢިރާޤުގައި ކާރުބޮމުން ސިލްސިލާ ގޮތެއްގައި ވަރުގަދަ ޙަމަލާތަކެއްދީ 65 މީހަކު މަރާލައިފި އެވެ.

ޢިރާޤުގެ އަމަނާ ބެހޭ ފަރާތްތަކުން ބުނާގޮތުގައި ބަޣްދާދުގެ ޝިޔަޢީން ދިރިއުޅޭ ސަރަހައްދެއް ކަމަށްވާ ސަދްރު ސިޓީގައި ސިލްސިލާގޮތެއްގައި އިއްޔެ ތިންކާރު ގޮއްވާލައިގެން 65 މީހުން މަރާލައި 125 މީހަކު ޒަޚަމްކޮށްލާފައިވެ އެވެ. ގޮވާތަކެތި އަޅައި ބަރާކޮށްފައިވާ މި ތިން ކާރު ވެސް ގޮއްވާލާފައި ވަނީ މީހުން މަރުވުމުން އެމީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ކިޔުމަށް ދާ މީހުން ތިބުމަށް ޖަހާފައިވާ ފޭލިގެތަކަކަށް އަމާޒުކޮށްގެންނެވެ. މި ތިން ޙަމަލާގައި ވެސް މަރުވެ އަދި ޒަޚަމްވެފައިވާ ގިނަމީހުންނަކީ ތަޢުޒިޔާ ކިޔުމަށް ގޮސްތިބި މީހުންކަމަށް ޢިރާޤުގެ ފުލުހުން ބުނެ އެވެ.

ކާރުބޮމުގެ މިތިން ޙަމަލާގެ ތެރެއިން އެއްޙަމަލާއަކީ ގޮއްވާލި ކާރާ އެކު މީހަކު އަމިއްލައަށް މަރުވެގެންދިން ޙަމަލާއެއް ކަމަށާ އަމިއްލަ އަށް މަރުވި މީހާ އަކީ ގޮވާތަކެތި އަޅާފައިވާ އެކާރު ދުއްވަން އިން މީހާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. މިތިން ޙަމަލާވެސް ދީފައި ވަނީ އެންމެ ގިނައިން މީހުން މަރުވާނެ ގޮތްތަކަކަށް ރާވައިގެން ކަމަށާ ފުރަތަމަ ކާރުބޮން ގޮއްވާލުމަށް ފަހު ދެވަނަ ކާރާއި ތިންވަނަ ކާރު ގޮއްވާލީ އަލިފާންނިއްވާ މީހުންނާއި ފުލުހުންނާއި އެންބިއުލަންސާއި ސިއްޙީ ޚިދުމަތްތައް ދޭމީހުން އެސަރަހައްދަށް އައުމުން ކަމަށާ އެހެންކަމުން މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ ތެރޭގައި މީގެތެރެއިން ގިނަ އަދަދެއްގެ ބަޔަކު ވެސް ހިމެނޭ ކަމަށާ ބޮންތައް ގޮއްވާލި މުޅި ސަރަހައްދުވަނީ ލޭގެ ކޯރަކަށް ބަދަލުވެ މަރާލާފައި މީހުންގެ ކަށިތަކާއި މަސްތަކާއި ކަށިތަކާއި ލެއިން ތަތްތެޅިފައި ކަމަށް ޚަބަރުލިބެ އެވެ.

އެމެރިކާ ސިފައިން ޢިރާޤަށް އެރުމަށް ފަހު އެގައުމުގެ ޝިޔަޢީންނާއި ސުންނީންގެ މެދުގައި އުފައްދާފައިވާ ފިތުނައިގެ އިތުރުން ޢިރާޤުގެ ސުންނީންނާއި ޝިޔަޢީންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް ބަދަލުހިފުމުގެ ރޫޙުގެ ސަބަބުން އެމެރިކާ ސިފައިން ޢިރާޤުން ފޭބުމަށްފަހު ވެސް ޢިރާޤުގައި ދަނީ ބޮންތައް ގޮއްވައި މީހުން މަރައި މުޅި ގައުމު ލޭގެ ކޯރަކަށް ހަދަމުންނެވެ. ޚާއްސަކޮށް ފާއިތުވި ހައެއްކަ މަހުން ފެށިގެން ކުރިޔަށްދާ މިދުވަސްވަރަކީ ޢިރާޤުގައި އާދަޔާ ޚިލާފަށް ލޭއޮހޮރުވުންތައް ބޮޑު ދުވަސްވަރެކެވެ.

މިގޮތުން މިދިޔަ ރޯދަމަހު އެކަނިވެސް ޢިރާޤުގައި އާންމުން މެރުމަށް އަމާޒުކޮށްގެން ދިން ބޮއްވުމުގެ ޙަމަލާތަކުގައި ދެ ހާހެއްހާ މީހުން މަރުވެ އެތައް ހާސް ބަޔަކު ޒަޚަމްވެފައިވެ އެވެ. އަދި މިދިޔަ ޖޫންމަހުން ފެށިގެން ހިންގަމުން ގެންދާ ބޮންގޮއްވުމުގެ ތަފާތު ޙަމަލާތަކާއި އަމިއްލައަށް މަރުވެގެންދޭ ޙަމަލާތަކުގައި 6 ހާހެއްހާ މީހުން މަރުވެފައިވާ ކަމަށް ޢިރާޤުގެ ފުލުހުން ބުނެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ޢިރާޤުގައި ދިން ބޮމުގެ ޙަމަލާތަކުގައި ވެސް 19 މީހަކު މަރުވެފައިވެ އެވެ. ޢިރާޤުގައި ދެމުން ގެންދާ ބޮމުގެ ލޭއޮހޮރުވުން ބޮޑު ޙަމަލާތަކުގެ ފަހަތުގައިވަނީ އަލްގާއިދާ އާއި ސުންނީ ހަނގުރާމަވެރި ޖަމާއަތްތައް ކަމަށް އެގައުމުގެ ސަރުކާރުން ބުނާ އިރު ޢިރާޤާއި އިރާޤުގެ އަވަށްޓެރި ސޫރިޔާގައި ވެސް ކުރިޔަށްދަނީ ސުންނީންނާއި ޝިޔަޢީންގެ ވަރުގަދަ ކަތިލުންތަކެއް ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. (ރޮއިޓާސް)