ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އޮޅުވާލުންތަކެއް އެބަ ހުރި ކަމަށާއި އެއީ "ހިލާލާފައި އޮތް ބޮޑުސިންގާ ސަޓަނިގަނޑެއް" ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި މިރޭ ވާހަކަފުޅުދައްކަވަމުން ގާސިމް ވިދާޅުވީ އެކެއްގެ ނަން ތަކުރާރުކޮށް ވޯޓުލާ މީހުންގެ ލިސްޓުގައި ހިމަނާފައިވާ ކަމަށާއި މަރުވެފައިވާ މީހަކު ތަކުރާރުކޮށް ވެސް ލިސްޓުގައި ހިމަނާފައި އޮވެދާނެ ކަމަށެވެ.

"މަރުވެފައި ތިބި މީހުން ކަމަށް ބުނާ މީހުންތައް ވެދާނެ ނޫންތޯ އެއް ގެއަށް ވުރެ ގިނަ ގޭގައި ޖައްސާފައިވާ ކަމަށް ވެސް. އެހެންވީމާ އެއްގެއިން ކަނޑާލިއަސް އަދި އޮވެދާނެ ހަތަރު ގޭގައި ޖައްސާފައި. އަޅުގަނޑުމެންނަށް އެބަ ފެނޭ އެކެއްގެ ނަން ތިން ތަނެއްގައި ހުއްޓާ. އެހެންވީމާ އެއީކީ ހައިރާންވާން ޖެހޭ ކަމެއް ނޫން. ހިލާލާފައި އޮތް ބޮޑުސިންގާ ސަޓަންޏެކޭ މިއީ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ވޯޓު ލިސްޓުގައި ހުރި އެފަދަ މައްސަލަތައް އިތުރަށް ބަލައި ކަށަވަރު ކުރުމަށް ޖުމްހޫރީ ޕާޓީން ކުރި މަސައްކަތް އިލެކްޝަންސް ކޮމިޝަންގެ ސަބަބުން ނާކާމިޔާބުވެފައިވާ ކަމަށެވެ. އެގޮތުން ކޯޓު އަމުރާ އެއްގޮތަށް ވޯޓުލީ މީހުންގެ ލިސްޓު ދެއްކުމަށް ހަމަޖައްސާފައި ވަނީ އެ ލިސްޓުގައި އަތް ނުލެވޭ ގޮތަށް ޖުމްލަ ދެ ގަޑި އިރު ވަންދެން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބާތިލު ކުރުމަށް ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެ ކޯޓުން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް އެކަން ހެޔޮހިތުން ގަބޫލު ކުރައްވާނެ ކަމަށެވެ.
"ސުޕްރީމް ކޯޓުން ނިންމަވާ ކޮންމެ ނިންމެވުމެއް ވެސް އަޅުގަނޑު ހަމަގާއިމު ވެސް ހެޔޮހިތުން ގަބޫލުކުރާނަން. އިތުރަށް އަޅުގަނޑު ހަމަ އަނގަވެސް ހުޅުވާނުލާނަން، އެއީ ކޮންމެ ގޮތަކަށް ނިންމިއަސް. އެބޭފުޅުން ނިންމަވާނީ އިންސާފުން ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ގާސިމް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގެ މައްޗަށް އެއްޗެއް ބުނުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ވެސް އަދި އާންމު ރައްޔިތަކަށް ވެސް ލިބިގެންނުވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

މިރޭގެ ޕްރޮގްރާމްގައި ގާސިމް ވަނީ ބަންޑާރަ ނާއިބް އާއިޝަތު އާޒިމާ ޝަކޫރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ކުރަމުންގެންދާ މަސައްކަތް ހުއްޓާލުމަށް އެމްޑީޕީ އަށް ގޮވާލައްވާފަ އެވެ.

އެމަނިކުފާނު ވިދާޅުވީ މީހުންނާ މެދު ތާޒީވެގެން ކަންތައް ކުރުމުގެ ދުވަސް ފާއިތުވެގެން ގޮސްފައިވާ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑު ދަންނަވާނީ މިއަދު ބަޔަކު ގުޅިގެން މަސައްކަތް ކޮށްގެން ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ނޯ ކޮންފިޑެންސް ވޯޓެއް ނަގައިގެން ބޭބޭފުޅުން ބޭނުންކޮށް. މިހެން ކަންތައްތައް ކުރީމާ އަމިއްލަ ހަމައަށް އިނދެފަ ވިސްނާލަ ބަލާށޭ ކޮންކަހަލަ ކަމެއްތޯ މި ކުރެވެނީ. ކޮންކަހަލަ ކަމެއްތޯ މި ކުރެވެނީ. އަޅުގަނދު ދަންނަވާލާނީ ހުއްޓާލާށޭ އެމްޑީޕީ. ތިގޮތަށް ޒާތީކޮށް ކަންތައް ކުރުމުގެ ދުވަސް ފާއިތުވެގެން ހިނގައްޖެއޭ،" ގާސިމް ވިދާޅުވި އެވެ.

ތިމާމެންނަކީ އެންމެ ބާރުގަދަ ބައެއްކަމަށް ހީކޮށްގެން ގައުމު ފަސާދައަށް ވައްޓާލަން ނޫޅުމަށް ވެސް ގާސިމް ވަނީ އެމްޑީޕީއަށް ގޮވާލައްވާފަ އެވެ.

ގާސިމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރުދެއްކުމަށް އެމްޑީޕީން އުޅުނަސް "އެއްކަމެއް ވެސް ނުވާނެ" ކަމަށާއި ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު ވެސް މަދެއް ނުކުރެވޭނެ ކަމަށެވެ.

"ގައުމުގެ އަމާންކަމާ މަސްލަހަތާ އަޅުގަނޑުމެންގެ ކުރިއެރުން އޮތީ މި ގޮތުގައޭ. އެގޮތަށް ބިރުދައްކަން އުޅުނަސް ނުވާނޭ އެއްކަމެއް ވެސް. ހަމަ ނުކުރެވޭނެ. އިރާދަކުރެއްވިއްޔާ ނުކުރެވޭނެ. ވަރަށް ސާފުކޮށް މި ދަންނަވަނީ ނުކުރެވޭނޭ. އެގޮތަށް ބިރުދައްކަން އުޅެގެނެއް. އުސޫލުތަކުގައި ހިފަހައްޓައިގެން ރީތި ހަމާއި އުސޫލުތައް ގާއިމްކޮށްގެން ކަންތައްތައް ކުރަން އުޅުނީމަ ކުރެވޭނީ. އެއްގޮތަކަށް ވެސް ފަނޑިޔާރުންގެ އަދަދެއް ވެސް މަދެއް ނުކުރެވޭނެ. އަދި އެގޮތަކަށް ބޭނުންހާއިރަކު ޖަޒުބާތުގަ ޖެހިގެން އައިސް ފަނޑިޔާރުން ނަގައި ހޫރައެއް ނުލެވޭނެ،" ގާސިމް ވިދާޅުވި އެވެ.