އެމްޑީޕީ ސަރުކާރުގެ ފުރަތަމަ 100 ދުވަސް ތެރޭގައި މާލޭގެ މަގުތައް ޝަކުވާއެއް ނުކުރެވޭ ވަރަށް ސާފުކޮށްދެއްވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މެދުހެންވޭރު ކަންމަތީ ބައްދަލުވުމުގައި މިރޭ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ މާލޭގެ މަގުތައް މަތިން އެންމެ ކުނިކޮޅެއް ނުފެންނަ ވަރަށް އެމްޑީޕީ ސަރުކާރެއްގައި ސާފުކޮށްދޭނެ ކަމަށެވެ.

"އަޅުގަނޑުމެން ސަރުކާރު ހިންގަން ފާށާތާ 100 ދުވަސް ތެރޭގައި މާލޭ މަގުމަތީގައި ތިޔަ ބޭފުޅުންނަށް ބުނެދެން ޝަކުވާ ކުރެވޭ ގޮތަކަށް އެންމެ ކުނި ކޮޅެއް ވެސް ނުބަހައްޓާނަން. އަޅުގަނޑުމެން މާލެ މަގުމަތި ސާފުކޮށްދޭނަން ފިތްކަނޑައިގެންދާ ވަރަށް،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ކުރިން އެމަނިކުފާނުގެ ސަރުކާރުގައި މާލޭން ކުނި ނައްތާލުމަށް 53 މިލއަން ޑޮލަރު ހަރަދު ކުރުމަށް ނިންމި ކަމަށެވެ. އަދި ޕަބްލިކް ޕާޓްނަޝިޕްގެ ދަށުން އެ މަސައްކަތް ކުރަން ބަޔަކާ ކޮންޓްރެކްޓްގެ ދަށުން ހަވާލު ކުރެއްވި ނަމަވެސް ކަންދިމާކުރި ގޮތުން އެ މަސައްކަތް ކުރެވޭ ގޮތް ނުވީ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ހަމައެއާ އެކު މާލޭގައި ދިރިއުޅޭ މީހުން ފަތިހު ތެދުވެ އޮފީހަށް ދިއުމާ ދެމެދު ވަޒީފާއެއް އަދާ ކުރަން ބޭނުންވާ ފަރާތްތަކަށް "ފަތިހު ތެދުވެ ކުނިކަހާ ވަޒީފާ" އާދަޔާ ހިލާފު ގިނަ މިންވަރަކަށް އުފައްދަވާނެ ކަމަށާއި އެ މީހުންނަށް އެކަށީގެންވާ ރަނގަޅު އުޖޫރައެއް ވެސް ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފަތިހު ތެދުވެ އަދާ ކުރަން ބޭނުންވެލައްވާ، ހަމައެކަނި ނުވައެއް ޖަހަންދެން އަދާކުރާ ވަޒީފާއެއް، އެއީ ފަތިހު ތެދުވެ ކުނިކަހާ ވަޒީފާއެއް. މާލޭގައި ދިރިއުޅޭ ފަރާތްތަކަށް އިރާދަކުރެއްވިއްޔާ އާދަޔާ ހިލާފު ގިނަ މިނަށް އެ ވަޒީފާގެ ފުރުސަތު ހުޅުވާލާނަން،" ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް ވިދާޅުވީ މާލޭގެ މަގުތައް ދަނީ ހަލާކުވަމުން ކަމަށާއި ޖާގަ އޮތް ނަމަވެސް ޕޭމެންޓްތައް ހަލާކުވެފައި ހުރުމުގެ ސަބަބުން މަގުތަކުގައި ހިގަން އުނދަގޫ ކަމަށެވެ. އަދި އެ މަނިކުފާނު ސަރުކާރުގައި މަގުތައް ހެދުމަށް 10 މިލިއަން ރުފިޔާ ހަރަދު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އެ މަސައްކަތް ވެސް ފުރަތަމަ 100 ދުވަސް ތެރޭގައި ފައްޓަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ހަމައެއާ އެކު މިރޭގެ ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ މާލޭގެ ރައްޔިތުންގެ ތެރެއިން އާމްދަނީ މަދުން ލިބޭ މީހުންނަށް ގޭގެ ކުލި ދައްކަން އެމަނިކުފާނުގެ ސަރުކާރުގައި އެހީވެދޭނެ ކަމަށެވެ. އެގޮތުން 2000 އާއިލާއަކަށް ކުލި ދައްކަން އެހީ ވެދޭނެ ކަމަށް ވިދާޅުވި އެވެ.

"ކުލި ދައްކަން ދަތި 2000 މާލެ އާއިލާތަކަށް އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރަކުން އިޖްތިމާއީ ރައްކާތެރިކަމުގެ ގޮތުން ކުލި ދެއްކުމުގައި އެހީތެރިވެދޭނަން." ނަޝީދު ވިދާޅުވި އެވެ.