ދިވެހި ގައުމީ ފުޓްބޯޅަ ޓީމަށް އައު ކޯޗެއް ހޯދުމުގެ މަސައްކަތް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އަދި ފަށާފައި ނުވާ ކަމަށް އެފްއޭއެމްގެ ޑައިރެކްޓާ އޮފް ނެޝަނަލް ޓީމް އަލީ ސުޒޭން މިރޭ ވިދާޅުވެއްޖެ އެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން ސުޒޭން ވިދާޅުވީ ގައުމީ ކޯޗު އިސްތަވާން އުރުބާނީއާ މެދު އެއްވެސް ކަހަލަ ހިތްހަމަ ޖެހުމެއް އެފްއޭއެމް އިން ނުގެން ގުޅޭ ކަމަށާއި އަދި ގައުމީ ޓީމަށް އައު ކޯޗެއް ހޯދުމުގެ އެއްވެސް މަސައްކަތެއް ފަށާފައި ނުވާ ކަމަށެވެ.

"ގައުމީ ޓީމަށް އައު ކޯޗެއް ގެންނަން މަސައްކަތް ކުރާވާހަކަ ބޭރުތެރޭގައި މީހުން އެބަދައްކާ. އައު ކޯޗަކު ގެންނަން އަޅުގަނޑުމެން އަދި މަސައްކަތެއް ނުފަށަން. ތިކަން އަދި އެފްއޭއެމްއަށް އެނގިފައެއް ވެސް ނެތް،" ސުޒޭން ވިދާޅުވި އެވެ.

ގައުމީ ޓީމަށް އައު ކޯޗެއް ގެންނަން އެފްއޭއެމްއިން އަދި މަސައްކަތް ފަށާފައި ނުވާ ކަމަށް ސުޒޭން ވިދާޅުވެފައި ވަނީ ރާއްޖޭގެ ފުޓްބޯޅައާ ގުޅޭ ހަބަރުތައް ގެނެސްދޭ އޮންލައިން ނޫހެއް ކަމަށްވާ މޯލްޑިވްސް ސޮކާއިން މިދިޔަ ހުކުރު ދުވަހު ބުނެފައިވާ ގޮތުގައި ގައުމީ ޓީމަށް އައު ކޯޗެއް ހޯދުމުގެ މަސައްކަތް އެފްއޭއެމުން ވަނީ ފަށާފަ އެވެ. އެހެން ނަމަވެސް ސުޒޭން ވަނީ މޯލްޑިވްސް ސޮކާއިން އާންމު ކުރި ހަބަރު ދޮގު ކޮށްފަ އެވެ.

ދެހާސް ނުވަ ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް ކޮލިފައިން އާއި ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ޓީމަށް އިރުޝާދުދިން އުރުބާނީއާ ގައުމީ ޓީމްގެ ކޯޗުކަން ދެ ވަނަ ފަހަރަށް ހަވާލުކުރީ ނިމިދިޔަ 2011 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އޭރު އޮތް އެފްއޭއެމްގެ އެސްކޯއިން ނެވެ.

އައު ކޯޗެއް ހޯދުމުގެ މަސައްކަތް އެފްއޭއެމުން އަދި ކޮށްފައި ނުވި ނަމަވެސް ގައުމީ ޓީމާ އުރުބާނީ ހަވާލުވި ފަހުން އެންމެ އެދެވޭ ކާމިޔާބީއެއް ޓީމަށް ހޯދާ ދީފައި ނުވާތީ ގިނަ ބަޔަކު މިހާރު އަންނަނީ އުރުބާނީއަށާއި އެފްއޭއެމްއަށް ފާޑު ކިޔަމުންނެވެ.

އުރުބާނީގެ އިރުޝާދުގެ ދަށުން ދިވެހި ޓީމަށް ކާމިޔާބިއެއް ލިބިފައި ނުވާއިރު، 2011 ވަނައަހަރު އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުގައި އިންޑިއާ އަތުން ބަލިވެ މުބާރާތުން ކެޓިއިރު، މިމަހުގެ 11 ވަނަ ދުވަހު ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ނިމިގެން ދިޔަ ސާފްޗެމްޕިއަން ޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ހަމަ އިންޑިއާއަތުން 1-0 ލަނޑުން ބަލިވެ ރާއްޖެ ވަނީ ކަޓާފަ އެވެ.