ކެންޔާގެ ޝޮޕިން މޯލެއްގެ ތެރޭގައި ބަޑިން ހަމަލަދީ މިއަދު 20 މީހަކު މަރާލައި އެތައް ބަޔަކު ޒަޚަމްކޮށްލައިފި އެވެ.

ކެންޔާގެ ވެރިރަށް ނައިރޯބީގެ ޝޮޕިން މޯލްއެއްގެ ތެރެއަށް މިއަދު ބަޑިހިފައިގެން ތިބެ ވަތް މީހުން ވަނީ އެތައް ބަޔަކު ގަޔަށް ބަޑިޖެހުމުގެ އިތުރުން ބައެއް މީހުން ރަހީނު ކޮށްފައިވާ ކަމަށް ސީއެންއެން އިން ބުންޏެވެ. ނަމަވެސް ރަހީނުކޮށްފައި ވަނި ކިހާ ބައެއް ކަމެއް ނޭނގެ އެވެ. އަދި ފުލުހުންގެ ކޮންޓްރޯލުގެ ދަށަށް ޝޮޕިން މޯލް ގެންގޮސް ރަހީނުކުރި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ހަތަރު ބުރިއަށްވާ ގޮތަށް ހަދާފައި ހުރި ޝޮޕިން މޯލް ތެރެއަށް ބަޑި ހިފައިގެން ވަތް މީހުން ގާތްގަނޑަކަށް ގަޑިއެއްހާއިރު ވަންދެން ހަމަލާދީފައިވާ ކަމަށް އެވަގުތު ޝޮޕިން މޯލްތެރޭ ތިބި މީހުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެ އެވެ. މޯލްތެރެއަށް ބަޑިހިފައިގެން އެމީހުން ވަތް އިރު ތިބީ މޫނުނިވާކޮށްގެން ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ކެންޔާގެ ރެޑްކޮރޮސް ސޮސައިޓީއާ ހަވާލާދީ ބައެއް މީޑިއާ ތަކުގައި ބުނެފައިވަނީ މިހާތަނަށް 20 މީހަކު މަރާލާފައިވާއިރު، 50 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށެވެ.