އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދިމާލަށް "ލާދީނީ"އޭ ވިދާޅުވެ ވާހަކަ ދައްކަވާފައި ވާތީ އެގޮތަށް ވިދާޅުވި ސަބަބެއް އަންގައި ދިނުމަށް އަދާލަތު ޕާޓީގެ ނާއިބް ރައީސް ޑރ. މައުރޫފް ހުސައިނަށް އިލެކްޝަންސް ކޮމްޕްލަޔަންސް ބިއުރޯ އިން އަންގައިފި އެވެ.

ސަން އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ޑރ. މައުރޫފް ވިދާޅުވީ އިލެކްޝަންސް ކޮމްޕްލަޔަންސް ބިއުރޯ އިން ފޮނުވި ލިޔުމެއްގައި މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ބޭއްވި ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގައި ކުރީގެ ރައީސް ނަޝީދާ ދިމާލަށް އޭނާ "ލާދީނީ"އޭ ކިޔާފައި ވާތީ އެކަން ޝަކުވާއެއްގެ ގޮތުގައި ކޮމްޕްލަޔަންސް ބިއުރޯއަށް ހުށަހަޅާފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ. އެހެންކަމުން ވަރަށް އަވަހަށް އޭގެ ޖަވާބު ފޮނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑރ. މައުރޫފް ވިދާޅުވީ އޭނާގެ މައްސަލަ ކިތަންމެ ވަރަކަށް ބެލި ނަމަވެސް ނަޝީދާ ދިމާލަށް "ލާދީނީ"އޭ ކިޔުން ހުއްޓައިނުލައްވާނެ ކަމަށެވެ.

ނަޝީދާ ދިމާލަށް "ލާދީނީ"އޭ ކިޔަން ޖެހުނީ އެމަނިކުފާނު އިސްލާމްދީނަށް ފުރައްސާރަކޮށް، ދީނީ ކަންތައްތަކަށް ސަމާލުކަން ނުދެއްވައި ދީނާއި ސިޔާސަތު ވަކިކޮށް އިސްލާމް ދީނުގެ ދައުރު ހަނިކޮށްލާފައި ވާތީ ކަމަށް މައުރޫފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނަޝީދުގެ އެ އަމަލުތަކުގެ ސަބަބުން އެމަނިކުފާނާ ދިމާލަށް "ލާދީނީ"އޭ ކިޔުމުން އިލެކްޝަންސް ކޮމިޝަނުން އެ މައްސަލަ ބަލަމުން ގެންދިޔުމަކީ އެ ކޮމިޝަންގެ މުސްތަގިއްލުކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު އެމްޑީޕީ ބަޔަކު ރާއްޖޭގެ އެކި ތަންތަނުގައި ހުރި ދައުލަތުގެ މުއައްސަސާތަކުގައި ހުޅުޖަހައި ޣައިރުގާނޫނީ އެތަކެއް ކަންތައްތަކެއް ކޮށްފައިވާ އިރު އެކަމާ މެދު އިލެކްޝަންސް ކޮމިޝަނުން އެއްވެސް އެއްޗެކޭ ނުބުނެ، އެ ކޮމިޝަންގެ މެންބަރުން ހިމޭނުން ތިއްބެވުމަކީ ހައިރާންވެވަޑައިގަންނަވާ ކަމެއް ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.

އެ މައްސަލައާ ބެހޭ ގޮތުން އިލެކްޝަންސް ކޮމިޝަންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.