21 Sep 2013, 19:49
ޕީޕީއެމްގެ ޒުވާނުންގެ ގޮފިން އިންތިޒާމުކޮށްގެން އާޓިފިޝަލް ބީޗުގައި މިއަދު ފުޓްސަލް މުބާރާތެއް ފަށައިފި އެވެ.
މާދަމާގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތް ޖުމްލަ 16 ޓީމެއް ވަނީ ބައިވެރީ ވެފައެވެ.
މުބާރާތް ޝަރަފުވެރިކޮށް ދެއްވަމުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލު އަހްމަދު މިއަދު ވިދާޅުވީ ކުޅިވަރު ކުޅެ މަޖާ ކުރުމަށް ޒުވާނުންނަށް އެއްވެސް ބިރުވެރިކަމެއް ޕީޕީއެމްގެ ސާރުކާރެއްގައި ނޯންނާނެ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ބިރަކާ ނުލައި މަޖާ ކުރުމުގެ ސިޔާސަތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފާހިޝް އަމަލުތައް އާއްމު ކުރުން ކަމަށް ޖަމީލް ވިދާޅުވި އެވެ.
"ޕީޕީއެމްގެ މެނިފެސްޓޯގައި ޒުވާނުންނަށް ދީފައިވާ ފަދަ ފުރުސަތުތަކެއް ވާދަވެރި އެއްވެސް ބަޔަކަށް މިހާތަނަށް ދެއްކިފައި ނޯންނާނެ. ޕީޕީއެމްގެ ސަރުކާރެއްގައި ފުޓްބޯޅަ ވެސް ކުޅެންވީ، ވޮލީވެސް ކުޅެންވީ. ބެޑްމިންޓަން ވެސް ކުޅެންވީ. އެކަމަކު އެމްޑީޕީން އެބުނާ ބިރަކާ ނުލާ މަޖާ ކުރުމަކީ މުޅިން ގެއްލެނި ހަލާކު ކުރަނިވި ވާހަކަތަކެއް. އެކަމަށް ތިޔަ ހުރިހާ ޒުވާނުން ފާރަވެރިވާން ވެއްޖެ. ޕީޕީއެމްގެ ސަރުކާރުގެ ފުރަތަމަ އަހަރުވެސް ޒުވާނުންނަށް ވަރަށްގިނަ ގުނައިނާއަތް ތަކެއް އެބަހުރި." ޑރ. ޖަމީލް ވިދާޅުވި އެވެ.
ޑރ. ޖަމީލް ވިދާޅުވީ ކުޅިވަރުގެ އިތުރުން ޕީޕީއެމްގެ ސަރުކާރެއްގައި ޒުވާނުންނަށް ވަޒީފާގެ އެކި އެކި ފުރުސަތުތައް ތަނަވަސް ކޮއްދެއްވާނެ ކަމަށެވެ.