ސައިރަން އަޅާފަ ދިޔަ އެމްބިއުލާންސްއަކާއި ސައިކަލެއް ޖެހި، މިދިޔަ ހޮނިހިރު ދުވަހު މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގެ ތަހްޤީޤް ކުރިއަށް ގެންދިއުމުގައި އެ ހާދިސާގެ މަންޒަރު ދުށް ފަރާތްތަކުން ފުލުހުންނަށް އެއްބާރުލުން ދިނުމަށް ޓްރެފިކް ފުލުހުން އިލްތިމާސްކޮށްފި އެވެ.


ފުލުހުން މިއަދު ބުނީ އެ މައްސަލައިގެ ތަހްޤީޤަށް މިހާތަނަށް ވެސް މަންޒަރު ދުށް ބައެއް ފަރާތްތަކުގެ އެއްބާރުލުން ލިބެމުން އަންނަ ކަމަށާއި އެހެންނަމަވެސް އެ ހާދިސާ ހިނގި ވަގުތު ޗާންދަނީމަގާއި އޯކިޑުމަގު ގުޅުނު ކަންމަތީ ލައިޓް ކައިރީގައި މަޑުކޮށްގެން އޭރު އޮތް ބައެއް ވެހިކަލްތަކުގައި ތިބި މީހުންގެ ފަރާތުން ހާއްސަ ގޮތެއްގައި އެއްބާރުލުން ބޭނުން ކަމަށާއި އެ ހާދިސާ އެންމެ ގާތުން ފެނިފައިވާނީ އެ މީހުންނަށް ކަމަށެވެ.


އެ އެކްސިޑެންޓް ހިނގި ވަގުތު އެމްބިއުލާންސްއާއި ވަރަށް ކައިރީގައި ދެ ޓެކްސީއެއް މަޑުކޮށްލައިގެން އޮތް ކަމުގެ މައުލޫމާތު ލިބިފައިވާތީ އެ ފަރާތްތަކަށް ތަހްޤީޤަށް ބޭނުންވާ ވަރަށް މުހިއްމު މައުލޫމާތުތަކެއް ހިއްސާކޮށްދެއްވިދާނެ ކަމަށް ފުލުހުން ބުންޏެވެ.


މިދިޔަ ހޮނިހިރު ދުވަހު ސައިރަންއަޅާފައި ބަލި މީހަކު ބާލައި ދިޔަ އެމްބިއުލާންސްއަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވެ ބޯފަޅައިގެން ގޮސް، ފަޔަށް އަނިޔާވެފައި ވަނީ، ސ. ހިތަދޫ ހަނދުވަރުގޭ އުމުރުން 25 އަހަރުން ނިޒާން ނަޖުމީ އަށެވެ.