އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި އެންމެ ފަހުގެ ޗެމްޕިއަން ކުވައިތު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުމަށް ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބް ކުވޭތަށް ފުރައިފި އެވެ.

ކުވޭތު ޓީމާ ދެކޮޅަށް ނިއު މެޗް ކުޅޭނީ އަންނަ އަންގާރަ ދުވަހު އެވެ.

މި ދެ ޓީމް މިދިޔަ އަންގާރަ ދުވަހު މާލޭގައި ކުޅުނު ފުރަތަމަ ލެގުގެ މެޗް 7-2 ލަނޑުން ކާމިޔާބު ކުރީ ކުވޭތު ޓީމެވެ. އެ މެޗުގައި ކުވައިތު ޓީމަށް ލަނޑުތައް ކާމިޔާބު ކޮށްދިން ކުޅުންތެރިންނަކީ ކޫޓީނިއޯ އާއި ދެ ގޯލް ކާމިޔާބު ކޮށްދިން ހައްމާމީ އާއި ހަތަރު ލަނޑު ޖެހި އިސާމް ޖެމާ އެވެ. އަދި ނިއު އިން ކުވޭތު ކޮޅަށް ޖެހި ދެ ލަނޑު ކާމިޔާބު ކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އާއި އަލީ އަޝްފާގް (ދަނގަޑޭ) އެވެ.

އެދުވަހުގެ މެޗުން ނިއު ބަލިވުމުން އެ ޓީމަށް ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ.

ކުވޭތު ޓީމުގައި ފާހަގަ ކޮށްލެވޭ ބައެއް ކުޅުންތެރިންގެ ތެރޭގައި ޓިއުނީޝިޔާގެ ފޯވަޑަކާއި ބްރެޒިލްގެ ޑިފެންޑަރަކާއި ބަހުރޭނުގެ ކުޅުންތެރިއަކު ވެސް ހިމެނެ އެވެ. ޓީމުގެ ކޯޗަކީ ރޫމޭނިޔާގެ މާރިން ލޮން އެވެ.