ބިދޭސީން ދިރިއުޅޭ ގެއެއްގެ ކޮޓަރިއެއްގެ ތެރެއިން ދެއަތް ބަނދެފައި އިން ބިދޭސީ މީހަކު ފުލުހުން ސަލާމަށްކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެމީހާ ސަލާމަށްކޮށްފައި ވަނީ އާއްމު ބަޔެއްގެ ފަރާތުން ފުލުހުންނަށް ހުށަހެޅި މައްސަލައެއްގައި، ރޭ ގ. ސައިމާގޭގެ ބިދޭސީން އުޅޭ ކޮޓަރިއެއްގެ ތެރެއިން ކަމަށެވެ. ނަމަވެސް އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާތީ، އެ މައްސަލައާ ގުޅޭ އެއްވެސް އިތުރު މައުލޫމާތެއް ފުލުހުން ނުދެއްވަ އެވެ.

ނަމަވެސް ސަން އަށް އެނގިފައިވާ ގޮތުގައި ރޭގައި ފުލުހުން ސަލާމަތް ކޮށްފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތެކެވެ. އަދި އޭނާ ބަނދެފައި އިނީ ފައިސާއާ ގުޅޭ މައްސަލައެއްގައި އޭނާއާ އެކު މަސައްކަތްކުރާ ބައެއް ކަމަށާއި އެ މައްސަލާގައި އިތުރު ތިން މީހުން ހައްޔަރުކޮށްފައިވާކަން ވެސް ވަނީ އިނގިފަ އެވެ.