21 Sep 2013, 16:12
ކޮލަންބޯ (ސެޕްޓެމްބަރ 21): ދާޚިލީ ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ސްރީލަންކާގެ އުތުރު ސަރަހައްދުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ލޯކަލް ސަރުކާރުގެ ކައުންސިލް ހޮވުމަށްޓަކައި ބާއްވާ އިންތިޚާބުގެވޯޓުލުން މިއަދު ހެނދުނުން ފެށިގެން ކުރިޔަށް އެބަދެ އެވެ.
ތަމަޅަ ދަރިކޮޅުގެ އަޣްލަބިއްޔަތު އޮންނަ މިސަރަހައްދުގައި އިންތިޚާބުކުރާ ލޯކަލް ކައުންސިލަކީ ވެރިކަމުގެ ވަރަށް ބޮޑެތި ބާރުތަކެއް ލިބިގެންދާނެ ކައުންސިލެކެވެ. މިއީ ސްރީލަންކާގެ ދާޚިލީ ހަނގުރާމައާ ގުޅިގެން އެސަރަހައްދުގައި އިންތިޚާބު ނުބޭއްވި 30 އަކަށް އަހަރު ހޭދަވެގެން ދިޔުމަށް ފަހު ބާއްވާ ފުރަތަމަ އިންތިޚާބެވެ. ޖެފްނާ ހިމެނޭ ސްރީލަންކާގެ އުތުރުގެ ސަރަހައްދުގެ އަޣްލަބިއްޔަތު އޮންނަ ތަމަޅަ ދަރިކޮޅުގެ މީހުންގެ ޒަމާންވީ ޝަކުވާއަކީ އެމީހުންގެ ސަރަހައްދުތަކުގައި ވެސް ކަންތައްތައް ހިންގުމުގެ ގާނޫނީ ބާރުން އެމީހުން މަހްރޫމް ކުރެވިފައިވުމެވެ. އެހެންކަމުން މިއިންތިޚާބަކީ ދާޚިލީ ހަނގުރާމަ ނިމުމަށް ފަހު ސްރީލަންކާގައި ކުރިޔަށްދާ ތަމަޅައިންނާއި ސިންގަޅައިންގެ މެދުގައި ސުލްޙަ ގާއިމްކުރުމުގެ ކަންތައްތަކަށް ކުރިމަތިވާ ވަރުގަދަ އިމްތިޙާނެއް ކަމަށްވަނީ ބެލެވިފަ އެވެ.
މިއިންތިޚާބަށް ފަހު ތަމަޅައިންގެ ސަރަހައްދުގައި ގާއިމްކުރެވޭ ލޯކަލް ކައުންސިލަށް ވެރިކަމުގެ ބާރުތައް ދިނުމަށް އެކުލަވާލާފައިވާ ގާނޫނާއެއްގޮތަށް ޢަމަލުކުރުމަށް ސަރުކާރުން ފަސްޖެހޭ ނަމަ ސްރީލަންކާގެ ދާޚިލީ ސުލްޙަ އަނެއްކާ ވެސް ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެންދާނެ ކަމަށް މުރާސިލުން ބުނެ އެވެ. ތަމަޅައިންގެ ސަރަހައްދުގައި އިންތިޚާބުކުރެވޭ ލޯކަލް ކައުންސިލަކީ ލޯކަލް ސަރުކާރެއްގެ ފުރިހަމަ ބާރުތައް ދިނުމަށް ސްރީލަންކާ ޕާލަމެންޓުންނާއި ސަރުކާރުން ނިންމާފައިވާ ކައުންސިލެކެވެ. ނަމަވެސް މިކަން އަމަލީ ގޮތުން ތަޖްރިބާކުރެވޭނީ އިންތިޚާބަށް ފަހު ވެރިކަމުގެ ބާރުތައް މައިސަރުކާރުން އެކައުންސިލާ ޙިއްސާކުރާނެ މިންވަރެއްގެ މައްޗަށް ކަމަށްވަނީ ބެލެވިފަ އެވެ.
މިއިންތިޚާބުގައި ވާދަކުރާ ޕާޓީތަކުގެ ތެރެއިން އެންމެ ނުފޫޒުގަދަ ޕާޓީއެއް ކަމަށް ބެލެވިފައި ވަނީ ޓެމިލް ނެޝަނަލް އެލަޔަންސް (ޓީއެންއޭ) އެވެ. މިއީ ދާޚިލީ ހަނގުރާމައިގާ ބަލިވި ތަމަޅަ ޓައިގަރު ޖަމާއަތަށް ނިސްބަތްވާ ސިޔާސީ ގޮތްޕެވެ. ވޯޓުލާން ފެށުމުގެ ކުރިން ޓެމިލް ނެޝަނަލް އެލަޔަންސް ޕާޓީން ވަނީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރާ ކަމުގެ ތުހުމަތު ސްރީލަންކާގެ ސިފައިންގެ މައްޗަށް ކޮށްފަ އެވެ. ނަމަވެސް ސިފައިންގެ މުއައްސަސާއިން މިކަން ދޮގުކުރެ އެވެ. (ރޮއިޓާސް)