މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ކަނޑައަޅާފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ވޯޓުލުމަށް ހަމަޖެހިފައިވާ ތަނުގެ މައުލޫމާތު ޗެކް ކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު މިއަދު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ވޯޓް ލުމަށް ރަޖިސްޓްރީކޮށްފައިވާ ތަނާ ބެހޭ ގޮތުން މައުލޫމާތު ސާފުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މާދަމާ އޮފީސް ބަންދުވުމުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ވޯޓްލާ ތަނާ ބެހޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި ހުޅުވާލީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ބައެއް މީހުންނަށް ނޭނގީ ވޯޓްލާ ތަން ބަދަލުކޮށްފައިވާ ކަމުގެ ޝަކުވާ އެ ކޮމިޝަނަށް ލިބިފައި ވާތީ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެއްވެސް މީހަކު ވޯޓްލުމަށް އެ މީހަކު ރަޖިސްޓްރީކޮށްފައިވާ ތަން ނޫން އެހެން ތަނެއްގައި ރަޖިސްޓްރީ ކޮށްފައިވާ ނަމަ އެކަން އެ ކޮމިޝަނަށް އެންގެވުމަށް އެދޭ ކަމަށެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ ރަޖިސްޓްރީކޮށްފައިވާ ތަނާއި ބެހޭ ގޮތުން މާލޭގައި ނަމަ ޝަކުވާ ހުށަހަޅާނީ އިލެކްޝަންސް ކޮމިޝަންގެ މައި އދާރާ އަށް ނުވަތަ ރަދި ރަޖިސްޓްރޭޝަން ސެކްޝަނުން ކަމަށެވެ. އަދި ރަށްރަށުގައި ނަމަ އެ ރަށެއްގެ ނުވަތަ އަތޮޅު ކައުންސިލުން ކަމަށެވެ.