21 Sep 2013, 15:13
ގދ. ތިނަދޫގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ތިނަދޫ ޕްރީސްކޫލް ކައިރީ މިއަދު މެންދުރު ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި ދެމީހަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި އެ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ އަނިޔާވި ދެ މީހުންގެ އަތާއި ފައި މަށައިގެން ދިއުން ފިޔަވައި އިތުރު ބޮޑު އަނިޔާއެއްވެފައިނުވާ ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓްގައި ކާރަށާއި ސައިކަލަށް އެކިވަރުގެ ގެއްލުން ވަނީ ލިބިފަ އެވެ. އަދި އެކްސިޑެންޓް ހިނގި އިރު ސައިކަލު ދުއްވަން އިން އުމުރުން 18 އަހަރުގެ ކުއްޖާގެ އަތަކު ލައިސަންސްއެއް ނެތެވެ. އަށާރަ އަހަރުގެ ކުއްޖާ ދުއްވި ސައިކަލުގެ ފަހަތުގައި އިނީ އުމުރުން 16 އަހަރުގެ ކުއްޖެއްކަން ވެސް ވަނީ އެނގިފަ އެވެ.