ރޯމާގެ ފޯވާޑް ފްރެންޗެސްކޯ ޓޮޓީ،36، އެކުލަބުގައި ހަދާފައިވާ ކޮންޓުރެކްޓު އަލުން އާކޮށް، އިތުރު ދެ އަހަރަށް މުއްދަތު އިތުރު ކޮށްފި އެވެ.

ރޯމާގައި މަޑުކުރަން ނިންމެވުމަށް ފަހު މީޑިއާގައި ވާހަކަ ދައްކަމުން ޓޮޓީ ބުނީ ރޯމާއަކީ އޭނާ ވަރަށް ކުލޭ ހިތްވާ ކުލަބެއް ކަމަށާއި ކުބަށް ކާމިޔާބީ ހޯދާދިނުމަކީ އަބަދުވެސް ދެކެމުން އަންނަ ހުވަފެނެއް ކަމަށެވެ. އަދި އެ ކާމިޔާބީތައް ހޯދާދިނުމުގައި ކުލަބަށް އަބަދުވެސް މިންނަތާ އެކު މަސައްކަތް ކުރާނެ ކަމަށް ޓޮޓީ ބުންޏެވެ.

"އަހަރެން ކުލަބުގެ ކޮންޓުރެކްޓު މިފަހަރު އާކުރީ ދެ އަހަރަށް. އަހަރެން މިހިރީ ރޯމާއަށް ކާމިޔާބީ ހޯދަދޭން." ޓޮޓީ ބުންޏެވެ.

ޓޮޓީގެ މުޅި ފުޓްބޯޅަ ކެރިޔަރުގައި ހަމައެކަނި ކުޅެފައި ވަނީ ރޯމާ އަށެވެ. މިސީޒަންގައި ރޯމާގެ ފުރަތަމަ އެގާރައިން ވެސް އޭނަ ވަނީ ޖާގަ ހޯދާ ކުލަބުގެ ކެޕްޓަން ވެސްކޮށްފަ އެވެ. އަދި މީގެ ކުރިން ޓޮޓީ ބުނެފައި ވަނީ ފުޓްބޯޅާއިގައި ރިޓަޔާކުރުމުގެ އެއްވެސް ހިޔާލެއް އަދި ނުގެންގުޅޭ ކަމަށެވެ.

"އަހަރެންގެ އުމުރުން 50 އަހަރު ވަންދެން ފުޓްބޯޅަ ކެޅެވިދާނެ. އެކަމަކީ އުނދަގޫ ކަމަކަށް ވިޔަސް އެއްވެސް ކަމަކީ ނުވާނެ ކަމެއް ނޫން." ޓޮޓީ ބުންޏެވެ.


ޓޮޓީ ވަނީ 2006 ވަނަ އަހަރުގެ ވޯލްޑްކަޕަށް ފަހު އިޓަލީގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފަ އެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ ތާރީހުގައި ޓޮޓީ އަކީ ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. ޓޮޓީގެ ފުޓްބޯޅަ ކެރިޔަރުގައި ކުޅުނު ހަމައެކަނި ކްލަބަކީ ރޯމާ ކަމަށްވީ އިރު، އޭނަ ވަނީ އެކްލަބަށް 200 އަށް ވުރެ ގިނަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ. އޭނަ އަކީ އެކްލަބަށް އެންމެ ގިނަ މެޗު ކުޅެ، އެންމެ ގިނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ކުޅުންތެރިޔާ އެވެ.