21 Sep 2013, 10:25
އދ. މަޖިލިސް (ސެޕްޓެމްބަރ 21): ސޫރިޔާގެ ކެމިކަލް ހަތިޔާރާ ބެހޭ ތަފްސީލް އެގައުމުގެ ސަރުކާރުން ހުށަހަޅަމުން ގެންދާކަން އދ. ން ހާމަކޮށްފި އެވެ.
ކެމިކަލް ހަތިޔާރު ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރާ އދ.ގެ އެޖެންސީން ބުނީ ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ އެއެޖެންސީގެ އޮފީހަށް ކެމިކަލް ހަތިޔާރާބެހޭ ތަފްސީލު ސޫރިޔާ ސަރުކާރުން ފޮނުވަމުންގެންދާ ކަމަށާ މިކަން ކުރިޔަށް ދަނީ ސޫރިޔާގައިވާ ކެމިކަލް ހަތިޔާރު ނައްތާލުމަށް އެމެރިކާއާއި ރަޝިޔާ ދާދިފަހުން އެއްބަސްވި އެއްބަސްވުމުގެ ދަށުން ކަމުގަ އެވެ. މިއެއްބަސްވުމުގައިވާގޮތުން ސޫރިޔާގެ ކެމިކަލް ހަތިޔާރާބެހޭ ތަފްސީލް، އަންނަ އަހަރުގެ މެދަކާ ހަމައަށް ދިޔުމުގެ ކުރިން ސޫރިޔާ ސަރުކާރުން އދ. އަށް ފޮނުވަންޖެހެ އެވެ.
ސޫރިޔާ އިން އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކުރި ކަމަށް ތުހުމަތުކުރެވިފައިވާ މައްސަލާގައި އެމެރިކާ ސޫރިޔާއަށް ޙަމަލާދިނުމަށް ރޭވި ޕްލޭން މިއެއްބަސްވުމުގެ ސަބަބުން ކެންސަލްކޮށްފައިވީ ނަމަވެސް އެ އެއްބަސްވުމާ އެއްގޮތަށް ޢަމަލުނުކުރާ ނަމަ ސޫރިޔާ އަށް ޙަމަލާދިނުމާ މެދު އަލުން ވިސްނާނެ ކަމަށް އެމެރިކާ ބުނެ އެވެ. ނަމަވެސް ސޫރިޔާއާދެކޮޅަށް އެއްވެސް ޙާލަތެއްގައި ބާރުގެ ބޭނުންކުރުމުގެ ހުއްދަދޭ ގަރާރެއް އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރިޔަ ނުދޭނެ ކަމަށް ރަޝިޔާ ބުނުމުން އެމެރިކާ ވަނީ މިއެއްބަސްވުން އެދެވޭ ގޮތުގައި ތަންފީޒު ކުރެވިދާނެ ކަމާމެދު ކަންބޮޑުވާކަން ހާމަކޮށްފަ އެވެ.
ސޫރިޔާގެ ކެމިކަލް ހަތިޔާރާބެހޭ ތަފްސީލް އެގައުމުން އދ. އަށް ދެމުންގެންދާ ވަރަކަށް އެކަން ބަލައި ޗެކްކޮށް ކަށަވަރުކުރުމުގެ މަސައްކަތް ކެމިކަލް ހަތިޔާރު ކޮންޓްރޯލް ކުރުމާބެހޭ އދ.ގެ އެޖެންސީގެ ތަޖްރިބާކާރުން ކުރަމުންގެންދިޔުމަށް އެއެޖެންސީގެ އެގްޒެކެޓިވް ކޮމިޓީން ވަނީ ނިންމާފަ އެވެ. ނަމަވެސް ސޫރިޔާގެ އެއްބާރުލުން އެންމެ ފުރިހަމައަށް ނުލިބި އެގައުމުގެ ކެމިކަލް ހަތިޔާރުގެ ސްޓޮކް އެއްކޮށް ނައްތާލުމަކީ މުސްތަޙީލް ކަމެއް ކަމަށާ ކެމިކަލް ހަތިޔާރުގެ ބައެއް ފޮރުވުމަކީ ސޫރިޔާ ސަރުކާރަށް ވަރަށް ފަސޭހައިން ކުރެވިދާނެ ކަމަށް ވެސް އދ.ގެ ތަޖްރިބާކާރުން ބުނެ އެވެ.
އެމެރިކާއާއި ރަޝިޔާ ފިޔަވައި ދުނިޔޭގައި ކެމިކަލް ހަތިޔާރުގެ ސްޓޮކް އެންމެ ބޮޑީ ސޫރިޔާގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. (ބީ.ބީ.ސީ)